ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއަށް ދިހަ ބާރަ އަހަރުވެގެންދާއިރު އެޕާޓީގެ އިސް މަގާމުތަކުގައި އެއް ބަޔަކު ތިބުމަކީ އިންސާފެެއްތޯ ވިދާޅުވެ އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ސުވާލު ކުރައްވައިފިއެެވެ.

އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނެވި ރީކޯ މޫސަ މިހެން ވިދާޅުވެ ސުވާލު އުފެެއްދެވީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގެ ވާހަކަ ދެެއްކޭ ވަރަށް ވުރެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ހާލު ދެރަ ކަމަށް ވިދާޅުވެ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ދެެއްކެވި ވާހަކަތަކާއި ގުޅިގެންނެވެެ.

"ރަސްއޮންލައިން" ގައި ޝާއިއުކުރި ޚަބަރެއް ހިއްސާކުރައްވަމުން ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަ ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމަކީ އާއިލީ ޚުދުމުހުތާރު ވެރިކަމެކޭ ބުނެ އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފިލީ އެމްޑީޕީން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީ އުފެދުނީސްސުރެ އެ މަގާމުތަކުގައި ދާއިމަށް ތިބުމަކީ އިންސާފެެއްތޯ މޫސަ ސުވާލު ކުރެެއްވިއެވެ.



މޫސަވަނީ އެމްޑީޕީގެ އިސްމަގާމުތަކުގައި އެއް އައުލާދެެއްގެ ބަޔެެއްގެ ބާރު މާ ގަދަވެ ހުރިހާ މަގާމުތަކެއްގައި އެއްބަޔަކު ތިބެނީ ޕާޓީގެ މެމްބަރުން ލޯބިންތޯ ނުވަތަ ގަދަބާރުންތޯ ސުވާލު އުފައްދަވާފައެވެ.

"އެ އައުލާދުގެ ރުހުން ނެތް މީހަކު ޕާޓީގެ މަގާމަކަށް ކުރިމަތިލައިފިއްޔާ ކަށިހަފާ ކާވަރު ކުރަނީ ޑިމޮކްރަސީގެ ކޮން އަސާސެއްތޯ؟" އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޚިޔާލު ތަފާތުވާ މީހުންނަށް ޕާޓީ ތެރެއިން ކުރިމަތިކުރުވާ ދަތިތަކާއި ފިއްތުންތަކަށް އިޝާރަތް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަން ކުރެއްވި މޫސަ ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީ އުފެދުނީ 25 ޖޫން 2005 ގަައި ސްރީލަންކާގައެވެ. އެމްޑީޕީއަށް 16 އަހަރު ފުރިފައިވާއިރު އެޕާޓީގެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ވޭތުވެ ދިޔަ 16 އަހަރުތެރޭގައި ރައީސް ނަޝީދާއި ޚިޔާލު ތަފާތުވެގެން އެޕާޓީގެ ލީޑަރޝިޕްގައި މަސައްކަތް ކުރެެއްވި ގިނަ ބޭފުޅުން ވަނީ ޕާޓީން ވަކިކޮށްފައެވެެ. ނޫނީ ވަކިވެގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް