ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެންނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފިއެވެ.

މީޑިޔާއަށް މައުލޫމާތު ދެެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫލް އަޒީޒް ވިދާޅުވީ ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިން ރާއްޖެ އަނބުރާ ގެނައުމަށް ރައީސް ސޯލިހް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން ފޮރިން މިނިސްޓްރީން އެމަސައްކަތް ފަށާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން މީގެކުރިން ބުނެފައި ވަނީ، 50 އަށް ވުރެ ގިނަ ދިވެހިން އެ ގައުމުގައި އެބަ ތިބި ކަމަށެވެ. އޭގެތެރޭގައި ގިނައީ ދަރިވަރުންނެވެެ. ޔުކްރެއިނުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެ ގައުމަށް ދިވެހިން ދަތުރު ނުކުރަން ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން އަންގާފައެވެ. އެ ގައުމުގައި މިހާރު ދިރިއުޅޭ ދިވެހިން ޔުކްރެއިންގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ޔުކްރެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާއިން ބަލައިގަތުމަށް ނިންމިކަން އިއުލާން ކުރުމާއެކު މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެެވެ. އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރިއަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ވެސް މިހާރު ވަނީ ޖަމާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް