28 ވަނަ އެޕިސޯޑް

==========

[ނާއިލް...މިހާރު ތިޔައީ މިބައްޕަ އުއްމީދުކުރި ފަދަ ޑޮކްޓަރެއް ނޫން. ބައްޕައަށް ވަރަށް އަޑުތައް އެބައިވޭ. ތިމަސައްކަތް ކުރުމަށް ދަރިފުޅު ފޫހިވަންޏާ މިވަގުތަށް ޗުއްޓީއެއް ނަގަން ބައްޕައަށް ފެންނަނީ.] އިލްޔާސް ނާއިލަށް ލަފާދިނެވެ.

އޭނާގެ ދަރިފުޅުގެ މަސައްކަތާ ބެހޭގޮތުން މީހުންގެ ފާޑުކިޔުންތަކެއް އަމާޒުވުމަކީ، އޭނާ އެދޭ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ އެދަރިފުޅުގެ މަސައްކަތަށް ތަޢްރީފުގެ ބަސްތައް އިވުމަށެވެ.

[ބައްޕާ...ނޭނގެ، ފަހަކަށް އައިސް އަހަންނަށް މިވާގޮތްތަކެއް...ކައިވެންޏަށްފަހު އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭ...ބައްޕަމެން މަޖުބޫރު ނުކުރިނަމަ، އަހަރެން ކުރާނޭ ކައިވެންޏެއް ނޫން މިއީކީ.....] ނާއިލް، އޭނާ މަސައްކަތާއި ދިރިއުޅުން މަތިން ފޫހިވާން ޖެހުނު ސަބަބު ބައްޕައަށް ކިޔާދިނެވެ.

[ބަލަ ދަރިފުޅުވެސް ބޭނުންވެގެނެއް ނޫންތަ، ތިޔަ ކައިވެންޏެއް ކުރީ....ކުރިން ބައްޕަމެން ބޭނުންވެގެން ކުރަން އުޅުނުއިރު، ދަރިފުޅު އެއްބަސްނުވީމާ، ބައްޕަމެން އެކަން ހުއްޓާލާފައި ވަނިކޮށް، ދަރިފުޅު އަލުން ފެށީ...މިކަމުގައި ކުށްވެރިވަނީ ކާކު ކަމެއް ނޭނގުނު....] އިލްޔާސް ބުންޏެވެ.

އޭރު އެދެބަފައިންގެ ވާހަކަތައް އަޑުއަހަން، އެމީހުންނަށް ނުފެންނާނޭހެން ޢައިޝާ ހުއްޓެވެ. ބައްޕަގެ އެވާހަކަތަކާއި، ޢަމުދުން އެންމެންގެ ކުރިމަތީގައި ކައިވެންޏާމެދު ނާއިލް ހިތާމަކުރާކަން ފާޅުކުރުމުން، ޢައިޝާއަށް ވަރަށް ފުން އަސަރުތަކެއް ކޮށްފިއެވެ.

އިސާހިތު އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައްވެސް ފައިބަން ފަށައިފިއެވެ.

[އަހަރެން ފުރަތަމަ ދުވަހުވެސް ބުނިން އެއީ އަހަރެން ޤަޞްދުގައި ކުރި ކަމެއް ނޫނޭ. އެކަމަކު ބައްޕަމެން އެދުނީ ކައިވެނި ކުރަން. ޒޭނާއަކީ އަހަރެންގެ ހަށިގަނޑުގެ އެއްގުނަންފަދަ ބައްޕާ.....] ނާއިލް އިސްޖަހާލައިގެން ހުރެ މިހެން ބުނެފައި، އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

[ދަރިފުޅާ.....މަޑުކޮށްބަލަ.....] އިލްޔާސް ނާއިލް ހުއްޓުވައިފިއެވެ. ނާއިލް އަނެއްކާވެސް އައިސް ބައްޕަގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

[ދަރިފުޅު ތިގޮތަށް ކަންތައް ކުރީމާ، ޢައިޝާ ހާދަ ދެރަވާނެޔޭ. ޢައިޝާއަށް ވަރަށް އަސަރު ކުރާނެ. ޢައިޝާއާއެކު އުޅެވޭތޯ މަސައްކަތް ކޮށްބަލަ. ޢައިޝާއަކީ ހަމަގައިމުވެސް ގޯސް ކުއްޖެއް ނޫން. އޭނާއާއެކު އުޅެވޭތޯ މަސައްކަތް ކޮށްބަލަ. އިނދެ ވަރިކުރުމަކީ ރީތި ސިފައެއް ނޫން.] މިހެން ބުނެފައި އިލްޔާސް އެތަނުން ދިޔައީއެވެ.

[އެކަމަކުވެސް....އަހަންނަކަށް މިކައިވެންޏަކުން ލިބޭނޭ އެއްވެސް އުފަލެއް ނެތް...އަހަރެން ބޭނުންވަނީ ޢައިޝާއާ ވަކިވާން....] ބައްޕަ ދިޔުމުން ނާއިލް އޭނާގެ މަންމަ ނާޒިމާ ގާތު ބުންޏެވެ. ނާއިލްގެ އެޖުމްލައާއެކު ޢައިޝާގެ ގިސްލުމުގެ އަޑަށް ނާޒިމާވެސް ސިހުނެވެ. އޭރު ޢައިޝާ އެތާ އެއްފަރާތެއްގައި ހުރެގެން ގިސްލަ ގިސްލާފައި ރޮމުން ދަނީއެވެ.

[ޢައިޝާ...ނުރޮއި ދަރިފުޅާ...އާދޭ މަންމަޔާއެކު.] ނާޒިމާ، ޢައިޝާ އަތުލަފިކޮށްގެން ގެންގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް ޢައިޝާ ރޮނީއެވެ. ގިސްލަ ގިސްލާފައެވެ.

[މަންމާ، އަހަރެމެންގެ ގުޅުމަކީ މިކަހަލަ ހަރުދަނާ ކަމެއް ނެތް ގުޅުމަކަށް ވެދާނޭ ކަމަކަށް، ކުރިން ހިތަކަށްވެސްނާރާ. ނާއިލް އެއްވެސްވަރަކަށް....ކައިވެންޏަށްފަހު އަހަންނާމެދު ނުވިސްނާ....އެކަމަކު....] ޢައިޝާ ކޮށިއެރިއެވެ.

[ދަރިފުޅާ....ނުރޮއި ކިޔައިދީބަލަ....އެކަމަކު...ކީކޭ!؟ތަ ބުނޭ.....އެއްވެސް ކަމެއް ސިއްރުނުކޮށް، މަންމަގާތު ބުނޭ ދަރިފުޅާ....] ނާޒިމާ ޢައިޝާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.

[މަންމާ......ނާއިލްގެ ރުހުން ހޯދުމަށްޓަކައި ޢައިޝާ ކުރަންވީ ކޮންކަމެއްތަ؟ ކައިވެނީގެ ކުރިން ނާއިލް ޢައިޝާއާމެދު ވަރަށް ބޮޑަށް ވިސްނާ....ގުޅާފައި ކައިތޯވެސް ބަލާ...ކޮންމެ ރެޔަކު ބައްދަލުކުރޭ....ކުއްލިއަކަށް ކައިވެންޏަށްފަހު ވީގޮތެއް ނޭނގުނު. މީހަކު ނޫނީ ބަޔަކު ބޮލަށް ވަންނަނީކަންނޭނގެ....] ޢައިޝާ ބޭނުންވަނީ ނާއިލްގެ މަންމަގެ ހަމްދަރުދީ ހޯދައިގެން ކުރިއަށްދާށެވެ.

[މިހާރު ޒޭނާވެސް އުޅެނީ ކައިވެނި ކުރަން.] ޢައިޝާ ރޮއިރޮއިފައި މުޅިން އާ ޚަބަރެއް ނާޒިމާމެނަށް ދީފިއެވެ.

[އޭނ...ކާކާ...ޒޭނާ މީހަކާ އިންނަނިއްޔޭ....އެކަމަކު ޔޫސުފް ނުވެސް ބުނޭ.] ޒޭނާއާއި ނާއިލްގެ ގުޅުމަށް ކޮންމެގޮތެއް ވިޔަސް، ޒޭނާއަކީ އޭނާއަށް ބޮޑުދައިތަ ކިޔާ އޭނާގެ ކޮއްކޮއެކެވެ.

ކޮއްކޮއަކު ކައިވެނި ކުރާއިރު ނޭނގުމަކީ، ޤަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ. މިހާރު ކަންތައް ދިމާވެފައިވަނީ، ކަންކަން އެނގި، ދެފަރާތުން މަޢްލޫމާތު ބަދަލު ކުރެވޭނޭފަދަ ގޮތަކަށް ނޫނެވެ.

[ހަމަ ތެދެއް މަންމާ، ޒޭނާގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ. ވަރަށް އަވަހަށް ކުރެވޭނެ. އެކަމަކުވެސް ނާއިލް ޢައިޝާއަށް އަޅައެއްނުލާ އެއްވެސް ކަމެއްގައި......] ޢައިޝާ އަދިވެސް ރޮނީއެވެ.

[ދެން ހުއްޓާލާ ދަރިފުޅާ....މަންމަ ނާއިލަށް ވިސްނައިދޭނަން. ނާއިލަށް އަދި ވިސްނޭނެ.] ނާޒިމާ ޢައިޝާއަށް ހިތްވަރުދިނެވެ.

[މަންމާ، އަހަރެންވެސް މިހިތްދަތިކަން ބަރުދާސްތު ކުރަމުން މިދަނީ ނާއިލަށް ވިސްނޭނެ ކަމަށް އުއްމީދު ކުރާތީ....ނާއިލްދެކެ ލޯބިވާތީ...ލޯބިވާތީ...މަންމާ....] އޭނާއަށް އަދިވެސް ރޮވެނީއެވެ.

އިލްޔާސްގެ އެހީތެރިކަމާއެކު ނާއިޝް، އޭނާގެ ބައްޕަ މުޙްސިންގެ ގޯތިން އޭނާއަށް ލިބުނު ބައިގައި ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައި، މިހާރު އެޢިމާރާތް ނިމުމަކާ ހަމައަށް ދަނީއެވެ. ހަތަރުބުރިއަށް ހަދާ، އެގެ ނިމުމަށްފަހު، މިހާރު ސިކުނޑީގެ އުނިކަމެއް ހުރި ޝާޢިރާވެސް އެގެއަށް ބަދަލުކުރެވޭނެއެވެ.

އިލްޔާސާއި ނާޒިމާ، ނާއިޝްއާ ވާހަކަ ދެއްކި ކަމުގައި ވިޔަސް، އަދި ނާއިލް، ނާއިޝްއަކާ ވާހަކައެއް ނުދައްކައެވެ.

މަންމަ ނާޒިމާ ތަކުރާރުކޮށް އެތައްފަހަރަކު ނާއިޝްއަށް މަޢާފް ކުރުމަށާއި، ވާހަކަ ދެއްކުމަށް ބުނެފިއެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް ނާއިލް ބުނަނީ އޭނާގެ ދެލޮލުގެ ނޫރު ފަދައިން ދެކޭ އޭނާގެ ލޮބުވެތި މަންމައަށް ޒަހަރުދީ މަރާލަން މަސައްކަތް ކޮށްފައިވާ މީހަކަށް މަޢާފް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

[ދަރިފުޅާ، އޭނާ ޒަހަރުދީ މަރާލަން އުޅުނީ މިމަންމަ. އެކަމަކު މިމަންމަވެސް މަޢާފްކޮށްފައި، އެދުވަސްތަކުގެ މަތިން ހަނދާން ނައްތާލައިފިން މިހާރު. މަންމަގެ އާދޭހަކީ ދަރިފުޅުވެސް ހަނދާން ނައްތާލަން.] ނާޒިމާ ތަކުރާރުކޮށް ބުނެފައިވެއެވެ. ނަމަވެސް، ނާއިޝްއާ ވާހަކަ ދައްކަން އޭނާއަށް ހަމަ އުނދަގޫވަނީއެވެ.

[އަހަރެންވެސް މަސައްކަތް ކުރާނަން ވާހަކަ ދެއްކޭތޯ....އެކަމަކު އެކަމަށް ދުވަސް ބޭނުންވާނެ.] އެންމެފަހު ދުވަހު ނާއިލް މަންމަ ގާތު ބުނެފައިވެއެވެ.

މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް ނާއިލްވެސް މިހާރު ހިސާބަކަށް ނާއިޝްއާ ވާހަކަ ދައްކާ އުޅެއެވެ. ނަމަވެސް، ކުރިން އޮތްފަދަ ގާތްކަމާއެކު ކަންކަމުގައި މަޝްވަރާ ކުރުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ބައްޕަ ހުންނަ ވަގުތުތަކުގައި އޭނާ ނާއިޝްއާ ގާތްކަމާއެކު ވާހަކަ ދެއްކުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.

މަންމައާއި ބައްޕަ ކިތަންމެ ނަޞޭޙަތްތެރިވެ ވިސްނައިދިނަސް، އޭނާއަށް ނުކުރެވިފައިވާ ކަމަކީ ޢައިޝާއާ ގުޅުން ރަނގަޅު ކުރުމެވެ. އޭނާއަށް ޢައިޝާއާމެދު ވިސްނާނޭ ވަގުތެއްވެސް ނުވެސް ލިބޭފަދައެވެ. އެފަދަ ފިކުރެއް އޭނާ ނުވެސްކުރޭމެއެވެ.

[މަންމައާއި ބައްޕަ ކިތަންމެވަރަކަށް ބުންޏަސް، ޢައިޝާއާއެކު...އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ...އާނ...އަހަންނަކަށް ޒޭނާގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ...ދުރަކަށް ނުދެވޭނެ...] ނާއިލް ވާހަކަ ދެއްކީ އޭނާގެ މަންމަ ނާޒިމާއާ އެވެ.

[ދަރިފުޅާ....ދަރިފުޅު އެއްވެސްވަރަކަށް މަސައްކަތް ކުރިނަމަ، މިހާރު ޢައިޝާއާއެކު އުފާވެރި ދުވަސްތަކެއް ފެންނާނެ. ދަރިފުޅު ޢަޒުމް ކަނޑައަޅައިގެން ތިހުންނަނީ ޒޭނާގެ މަތިން ހަނދާންނައްތާ ނުލުމަށް. ދެންވެސް ނިކަން ޢަޒުމް ކަނޑައަޅާބަލަ، ޢައިޝާއާއެކު ޙަޔާތުގެ ބާކީ ބައިގައި އުފާވެރި ދުވަސްތަކެއް ހޭދަކުރަން. ކައިވެނީގެ ގުޅުމަކީ ވަރަށް މާތް ގުޅުމެއް. ފިރިއެއްގެ ވާޖިބުތަކަކާއި އަންބެއްގެ ޙައްޤުތަކެއްވެސްވާނެ. އެހެންމެ އަނބިމީހާގެ ވާޖިބުތަކެއްވެސް އަދި ފިރިމީހާގެ ޙައްޤުތަކެއްވެސް ހުންނާނެ.] ނާޒިމާ މަސައްކަތް ކުރަމުންދަނީ ދަރިފުޅަށް ވިސްނައިދެވޭތޯއެވެ.

[ނޫން...މަންމާ، ކައިވެންޏަށް ކިތަންމެ ޒަމާނެއްވިޔަސް، މިކައިވެންޏަކުން އަހަންނަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ. އަހަންނަށް ޢައިޝާއާމެދު ނުވެސް ވިސްނޭނެ. ތަކުރާރުކޮށް އެތައްފަހަރަކު މިހާރު އަހަރެން ބުނެފީމެއްނު، ޒޭނާގެ ލޯތްބާނުލާ އަހަންނަކަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނޭ...] ނާއިލް ސޯފާގައި އިށީނެވެ.

[ދަރިފުޅާ...މިހާރު ޒޭނާވެސް އެއުޅެނީ ކައިވެންޏެއް ކުރަން. ވަރަށް އަވަހަށް ޒޭނާގެ ކައިވެނި ކުރެވޭނޭ ކަމަށް މަންމައަށް މަޢްލޫމާތު ލިބިއްޖެ. އެހަނދާންތަކުން ދިރިއުޅުން ނަގާލުމުގެ ބޭނުމެއް ނެތް.] މަންމަގެ އެވާހަކައިން ނާއިލަށް ހީވީ ޝޮކެއް ލިބުނުހެންނެވެ.

ފަހަރެއްގައިވެސް ޒޭނާ ކައިވެންޏެއް ކުރުމަކީ އޭނާއަށް ބަލަން ފަސޭހަ ވާނޭ މަންޒަރެއް ނޫނެވެ. ޒޭނާ ޤަބޫލު ކުރިޔަސް، ނުކުރިޔަސް އޭނާގެ ހިތަކުން ޒޭނާ ނޫން މީހަކަށް ކުޑަވެސް މަޤާމެއް ދެވިފައެއް ނުވާނެއެވެ.

ކައިވެންޏަށްފަހުވެސް އޭނާ ދުވަސްތައް ގުނަމުންދަނީ ޒޭނާގެ ހަނދާންތަކުގައެވެ.

އޭނާ އެންމެ ދެރަވަނީ ޒޭނާ މިހާރު އެއްވެސް ގޮތަކަށް އޭނާއާ ވާހަކަ ނުދައްކާތީއެވެ.

[ނޫން.....ތިއީ ދޮގެއް...ޒޭނާ އަހަރެން ނޫން މީހަކާ ނީންނާނެ. ތިއީ ޒޭނާ ކުރާނޭ ކަމެއް ނޫން....] މިހެން ބުނެފައި ނާއިލް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެ އޭނާ ޒޭނާއަށް ގުޅިއެވެ. ނަޞީބު ދިމާކުރި ގޮތުން މިފަހަރު އޭނާ ގުޅާތާ އިރުކޮޅެއްގެ ފަހުން ޒޭނާ ފޯނު ނަގައިފިއެވެ.

[ޒޭނާ...އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ...އަޅެ އަޑުއަހާބަލަ...މިހާރު...އަހަރެން މިވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި...ޒޭން..މީހަކާ އިންނަނީތަ؟] ނާއިލް ވާހަކަ ދެއްކީ ނިކަން ހިތްދަތި އަސަރާ އެކުގައެވެ.

[އަހަންނަކަށް ފަސޭހައެއް ނޫން...މިހާރު ނާއިލާ ވާހަކަ ދައްކާކަށް..ނާއިލް އަހަންނަށް ނުގުޅާފާނަންތަ؟ ނާއިލް ތިމަސައްކަތް ކުރަނީ އަހަންނަށް އިތުރު ހިތްދަތިކަންދޭންތަ؟] ޒޭނާގެ ލޮލުން ކަރުނައައެވެ. އިތުރަކަށް އޭނާއަށް އެންމެ ލަފްޒެއްވެސް ބޭރެއް ނުކުރެވުނެވެ. ނާއިލް ތަކުރާރުކޮށް ވާހަކަ ދައްކަން މަސައްކަތް ކޮށްގެންވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. ޒޭނާއަށް ގިސްލެވެން ފަށައިފިއެވެ. އެހެން ނަމަވެސް، އޭނާއަކަށް އިތުރަކަށް ވާހަކަ ދައްކާހާ ހިތްވަރެއް ނުލިބުނެވެ.

[ޒޭނާ...ޕްލީޒް...ވާހަކަ ދައްކަބަލަ....ޒޭން ޤަބޫލު ކުރިޔަސް ނުކުރިޔަސް ޒޭންއާ ވަކިވާފަދަ އެއްވެސް ކަމެއް އަހަރެން ޤަޞްދުގައި ނުކުރަން. ޒޭން އެންމެފަހަރަކު ނަމަވެސް އަހަންނާ ބައްދަލުވެ ވާހަކަ ދައްކާނޭ ފުރްޞަތުދީބަލަ.] ނާއިލްގެ ލޮލުންވެސް ކަރުނަ އަންނަން ފަށައިފިއެވެ. އިތުރަކަށް ނާއިލްގެ ވާހަކަތަކުގެ އަޑުއަހާކަށް ޒޭނާ މަޑެއް ނުކުރިއެވެ. އޭނާ ފޯނު ނިއްވާލައިފިއެވެ. އޭނާ ނާއިލްދެކެ ކިތަންމެ ލޯބިވިޔަސް، ނާއިލާއި ޢައިޝާގެ ދެމަފިރިންގެ ދޭތެރެއަށް ވަންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ދެކޭގޮތުގައި މިހާރު ނާއިލަކީ ޢައިޝާގެ ޙައްޤެކެވެ. އެއީ ޢައިޝާގެ ޙަލާލު ފިރިމީހާއެވެ. އޭނާގެ ސަބަބުން އެދެމަފިރިންގެ ކައިވެނި ރޫޅިގެން ދިޔުމަކީ، އޭނާ ފަހަރެއްގައިވެސް އެދޭ ކަމެއް ނޫނެވެ.

ފޯނު އޮފް ކުރުމަށްފަހު ޒޭނާ ވަރަށްގިނައިރު ވަންދެން ރުޔެވެ. ނާއިލާމެދު ވިސްނާފައެވެ.

[ދަރިފުޅާ...ކޮޓަރިން ނުކުމެބަލަ...ކޮޓަރީގައި ކީއްތަ ތިކުރަނީ....ނުކުމެބަލަ ބޭރަށް. ހައިޝަމްވެސް ސިޓިންގރޫމްގައި އެބައިން.] ޒާހިދާ، ޒޭނާގެ ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ.

[މަންމާ ރީތިވެލައިގެން އެބަ ނުކުންނަން.] ޒޭނާއަކީ އެހެން މީހުންނަށް އިޙްތިރާމްކުރާ، އެހެން މީސްމީހުންގެ ކަންކަމާމެދުވެސް ވަރަށް ފުންކޮށް ވިސްނާ އަންހެން ކުއްޖެކެވެ.

އެއީ ޒޭނާއަށް ލިބިފައިވާ އެންމެ މަޤްބޫލު އެއް ސިފައެވެ. އޭނާއަށް ގިނަ ބައެއްގެ ޝައުޤުވެރިކަން އުފެދިފައިވަނީވެސް އެސަބަބަށްޓަކައެވެ.

މިހާރު ހައިޝަމްގެ ހިތުގައިވެސް ޒޭނާއާމެދު ލޯބި އުފެދި، އެލޯތްބަށްޓަކައި އިންތިޒާރު ކުރުވުމުގެ ބާރަކީ ޒޭނާއަށް ލިބިފައިވާ އެ ޖާދުވީ ސިފައެވެ.

ޒޭނާ ރީތިވެލައިގެން ކޮޓަރިން ނުކުތްއިރު ސިޓިންގރޫމްގައި ހައިޝަމް، ޒޭނާގެ މަންމަ ޒާހިދާއާ ވާހަކަ ދައްކަން އިނެވެ.

ޒޭނާ އައިސް މަންމައިން ސޯފާގައި އިށީނދެއްޖެއެވެ. ހަމައެއާއެކު، އެބަ އަންނަމޭ ބުނެފައި ޒާހިދާ އެތަނުން ތެދުވެގެން ހިނގައިގެންފިއެވެ. ޒާހިދާ ބޭނުންވަނީ އޭނާގެ ދަރިފުޅަށް ނާއިލްގެ ހަނދާންތަކުން މިންޖުވެ، އާ ދިރިއުޅުމެއް ފަށައިގެން އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންދާ މަންޒަރު ދެކޭށެވެ.

ވުމާއެކު، މިހާރު ތަކުރާރުކޮށް އެތައްފަހަރަކު އޭނާ ޒޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކޮށްފިއެވެ. މިހާރު އެހެން ކަމެއްވެސް އޭނާއާއި ޒޭނާގެ ބައްޕަ ޔޫސުފް ވަނީ ޒޭނާއާ މަތިކޮށްފައެވެ. ޒޭނާ ދިރިއުޅުމެއް ފަށާ ދުވަހަކީ ޒޭނާގެ މަންމައާއި ބައްޕަ އަލުން ގުޅޭނޭ ދުވަސް ކަމަށް ހަދާނޭ ކަމަށްވެސް އެދެމީހުން ވަނީ ޒޭނާ ގާތު ބުނެފައެވެ. ޙަޤީޤަތުގައި އެކަމަކީ ޒޭނާ ނުހަނު ބޭނުންވާ ކަމެކެވެ.

އޭނާގެ މަންމައާއި ބައްޕަ ގުޅިގެން އުޅޭ މަންޒަރަކީ އޭނާ ނުހަނު ދެކެން ބޭނުންވާ މަންޒަރެކެވެ.

އެހެންވުމާއެކު، ހިތާދެކޮޅަށް ވިޔަސް، ހިތަށް އަނިޔާދެމުން އޭނާވެސް ކައިވެންޏެއް ކުރުމުގެ ވިސްނުން ގެންގުޅެން ފަށައިފިއެވެ. އެހެން ނަމަވެސް، ކުއްލިއަކަށް އެކަން ކުރުމަކީ، އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ.

[ޒޭނާ....އަހަރެން މަންމައާ ވާހަކަ ދައްކަން ހުންނަތާ ވަރަށް ގިނައިރު ވެއްޖެ. މަންމަ ބުނި ޒޭނާ ކޮންމެވެސްވަރަކަށް ބަލި ވާހަކަ...މިހާރު ޑޮކްޓަރަކަށް ދައްކައިފިންތަ؟] ޒޭނާ އިށީނުމާއެކު، ހައިޝަމް ވާހަކަ ފެށިއެވެ. ޙަޤީޤަތުގައި ހައިޝަމަކީވެސް އެހާ ކެރޭ ޒުވާނެއް ނޫނެވެ.

އޭނާގެ ކިބައިގައިވެސް ލަދުވެތިކަން އިންތިހާއަށް ހުރެއެވެ.

[އެއީ އިއްޔެގައި ކުޑަކޮށް ހުން ވައްތަރުވީ ވާހަކަ. ބޭސްކެއީމާ ހަމައަކަށް އެޅިއްޖެ. މިހާރު ރަނގަޅު ވެއްޖެ.] ޒޭނާ ވާހަކަ ދައްކަނީ އިސްޖަހާލައިގެން އިނދެއެވެ.

[އެކަމަކު ޑޮކްޓަރަކަށް ދައްކަންވާނެއެއްނު. ނުލާހިކު ވަރުގަދަ ހުންގަނޑެއް އެބައުޅޭ. އިއްޔެ އަނެއްކާ ޕިކްނިކް ދިޔައީތަ؟] ހައިޝަމް ބުންޏެވެ.

[ދެން ރަނގަޅުވާނެ. ނުދަން އެއްވެސް ތާކަށް. ބައްޕަ އުޅުނު ރިސޯޓަކަށް ގެންދަން. އެކަމަކު...ޒޭން ރަށުގައި އުޅޭއިރުވެސް ކުރާ ކަމެއް ނޫން ޕިކްނިކް ދިޔުމަކީ. ހައިޝަމް ދިޔައިންތަ ޕިކްނިކަށް...] ޒޭނާ އިސްއުފުލައި ހައިޝަމްގެ މޫނަށް ބަލައިލިއެވެ.

[އާނ ގޭގެ މީހުނާއެކު ދިޔައިން. ވިލިނގިއްޔަށް ދިޔައީ. އެރަށުގައި ނެތް ފައި އަޅާލާނޭ ތަންކޮޅެއްވެސް. މީހުން އޮތީ ތޮއްޖެހިފައި....] ހައިޝަމް ބުންޏެވެ.

ކުރިން މިހާވަރަކަށްވެސް ޒޭނާ ހައިޝަމާ ވާހަކަ ދައްކައެއް ނޫޅެއެވެ.

[މިއަދު ރޯދަ ވީއްލަން ކޯއްޗެއް ހަދަނީ...ރަށްފުށުގައި ރޯދަމަހު ވަރަށް ފޯރި ހުރޭދޯ...އަނެއްކާ ޒޭންގެ މަންމަގެ ރަށްވެސް މަޖާތަ؟ ހައިޝަމަށް އަދި ރޯދަމަހެއްގައި ރާއްޖެތެރޭ ރަށަކު ހުރުމުގެ ނަޞީބު ލިބިފައެއްނުވޭ.]

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


13

ސާމިޔާ

27-May-2020

ހަބޭސް ވާހަކަ އެއް



ޓްރެންޑިން