މައްސަލައެއްގެ ތަހުގީގުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައިގަނެވޭނެެ ކަމަށް ނިންމައި އެ ހާލަތްތައް ސްޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެެ.

ސްޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ކޯޓުން ކޯޓު އަމުރެއް ހޯދައިގެން 3 މީހެއްގެ ގެދޮރު ބަލައި ފާސްކޮށް ހެކިތަކެއް ހޯދައި އެ މީހުން ހައްޔަރުކޮށް ދައުވާކުރި މައްސަލައެއް ބެލުމަށްފަހުއެވެ.

އޭނާ ހައްޔަރުކުރުމުގެ އަމުރު ނެރުނީ އެފަދަ އަމުރެއް ނެރުމުގެ އިޚުތިޞާޞު ނެތް ކޯޓަކުން ކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލުމުން، އެ ނިންމުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެހެން ނަމަވެސް ދައުލަތުން އޭނާއާ ދެކޮޅަށް ލިބިފައިހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. ހުޅުމާލޭ ކޯޓުން އެ މައްސަލަ ބޭރުކޮށްލުމާއެކު، ދައުލަތުން ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށް، ހައިކޯޓުގެ ނިންމުން ފަހުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖިނާއީ މައްސަލަތަކާ ގުޅިގެން ނެރޭ ހައްޔަރުކުރުމުގެ އަމުރާއި ބަލައި ފާސްކުރުމުގެ އަމުރު ނެރުމުގެ އިޚުތިޞާޞު ހުޅުމާލޭ ކޯޓަށް ނެތް ކަމަށެވެ. އަދި އެފަދައިން ނެރޭ އަމުރެއްގެ ދަށުން ހޯދާ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާ ހެކިކަމުގައިވާތީ އާންމު އުސޫލަކީ އެ ބާވަތުގެ ހެކި ބަލައިނުގަތުން ކަމަށްވެސް ހުކުމްގައިވެއެވެެ. އަދި ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައިނުގަތުމުގެ އުސޫލަކީ އާންމު އުސޫލަކަށްވެފައި އެ އުސޫލަކީ ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އުސޫލެއް ކަމުގައިވާތީ، އެ އުސޫލުން އިސްތިސްނާތަކެއް ހުރިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ ގޮތަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެއެވެ.

އެގޮތަށް ބަލާއިރު މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައިގަތުމުގައި އިސްތިސްނާތަކެއް ހުންނަކަން ސްޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ސަބަބުން ލިބޭ ހެއްކާއި، ޤާނޫނާ އެއްގޮތަށް އަމަލުކުރިނަމަވެސް ފެންމަތިނުވެދާނެ ހެކި ކަމަށް ހުކުމްގައިވެއެވެ. އަދި ޣައިރު ޤާނޫނީ އަމަލެއްގެ ނަތީޖާގެ ގޮތުން ހެކިތަކެއް ލިބުނު ނަމަވެސް އެއީ ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ނަތީޖާގެ ސަބަބުން ލިބުނު ހެކިނަމަ އެ ހެކި ކޯޓުތަކަށް ބަލައިގަންނަ ކަމަށް ހުކުމްގައިވެއެވެެ.

އަދި އެ މުވައްޒަފުގެ އަމަލަކީ އޭގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ނެތް ސާފުކޮށް ޤާނޫނު އެއްފަރާތްކުރުމުގެ އަމަލެއްކަން ނުވަތަ އެ އަމަލަކީ އެ އަމަލުގެ ގާނޫނީ ތަބީއަތާމެދު ބަހުސްކުރުމުގެ ޖާގަ އޮތް އަމަލެއްކަމުގައިވާނަމަ ވެސް އެ ހެެއްކެއްް ބަލައިގަނެވޭނެ ކަމަށް ހުކުމްގައި ވަނީ ބުނެފައެވެ.

މި މައްސަލާގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށާއި، އެއަމުރު ތަންފީޒުކުރުމުގައި އަމުރުގެ ދާއިރާއިން ބޭރުވިކަން އެނގެން ނެތުމާއި، އަމުރު ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން ހެކިތަކެއް ފެނުނުކަމާއި ފެނުނު ހެކީގެ ތެރޭގައި މަސްތުވާތަކެތި ހިމެނޭކަމާމެދު ދެބަސްވުމެއް ނެތްކަން ފާހަގަކުރެވޭކަމަށް ސްޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ. އަދި އެ ހެއްކަކީ ޤާނޫނީ އެހެން އުސޫލަކުން ހިމާޔަތް ލިބިފައިވާ ހެއްކަށްނުވާއިރު، އެ ހެއްކަކީ ތިންވަނަ ފަރާތެއްގެ ހައްގެއްވެސް އެކުލެވޭ ހެއްކެއް ނޫންކަމަށް ހުކުމްގައި ބުނެފައިވެއެވެ. އަދި މި އަމުރުތައް ނެރުނުއިރު އެ ބާވަތުގެ އަމުރުތައް ނެރުމުގެ އިޚުތިޞާޞު ހުޅުމާލޭ ކޯޓަށް އޮތުމާއި ނެތުމާމެދު ބަހުސްކުރާނެ ޖާގައެއް އޮތް ކަމަށް ހުކުމްގައިވެއެވެ.

އެ މައްސަލަ ފައިސަލާކުރެވިގެންދިޔައީ އޭގެ ފަހުން ސުޕްރީމް ކޯޓުން ހަމަ މި މައްސަލާގައި ނިންމި ނިންމުމަކުން ކަމަށާއި، އެއީ މި މައްސަލާގައި އެކަކު ހައްޔަރުކުރަން ނެރުނު އަމުރާމެދު އެ ކޯޓުން ނިންމި ނިންމުމުން ކަމަށް ހުކުމްގައިވެއެވެ.

އެ ހުރިހާ ކަމަކަށް ބިނާކޮށް ސުޕްރީމް ކޯޓުންވަނީ މި މައްސަލާގައި ފުލުހުންގެ ނުނިޔަތެއް ނެތުމުން މި މައްސަލާގައި އެއްކޮށްފައިވާ ހެކި ބަލައިގަތުމަށް ހުރަހެއް ނެތް ކަމަށް ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް