ހަނގުރާމައިގެ ވިލާގަނޑެެއްގެ ދަށުގައި އޮތް ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން ބައެއް ދިވެހިން ރާއްޖެ އައުމަށް ދަތުރުފަށައިފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ބުނީ އެގައުމުގައި ތިބި ދިވެހިންގެ ތެރެއިން އެކަކު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ހަތަރު ދިވެހިން ހުކުރު ދުވަހު ދިވެހި ރާއްޖެ އަންނަން ދަތުރުފަށާފައިވާ ކަމަށާއި، އަދި މިއަދު 25 ދިވެހިން ދަތުރު ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރީގައި އޮތް ޔޫކްރެއިނުގެ ޚާރަކީވް ސިޓީގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން މިހާތަނަށް ރާއްޖެ އަންނަން ބޭނުންވާ ކަމަށް ބުނެފައިވާ 35 ދަރިވަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއް ދަރިވަރަކު މިހާރު މާލެ ގެނެސްފައިވާއިރު ހަތަރު ދަރިވަރުން، ރާއްޖެ އައުމަށް މިދިޔަ ހުކުރު ދުވަހު ދަތުރުފަށައިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި ރާއްޖެ އައުމަށް އިތުރު 25 ދަރިވަރަކު މިއަދު ދަތުރަށް ފަށާފައިވާއިރު، މިހާރު ޚާރްކީވްގައި ތިބީ ފަސް ދަރިވަރެއް ކަމަށް މިއުވާން ވިދާޅުވިއެވެ. އެ ފަސް ދަރިވަރުން ވެސް އެ ސިޓީން ފުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ޚާރްކީވް ސިޓީއާއި ކީވް ސިޓީގައި ޖުމްލަ 50 ދިވެހިން ތިބިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެެއެވެެ. އެހެން ނަމަވެސް ސަރުކާރުން އެހީވެގެން ރާއްޖެ އައުމުގެ ފުރުސަތު ދިނުމުން، ރާއްޖެ އަނބުރާ އަންނަން އެދިފައި ވަނީ ޚާރްކީވް ސިޓީގައި ތިބި 35 ދަރިވަރުން އެކަނި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ޔޫކްރެއިނުގެ ސިޓީތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން، ބާލިންގައި ހުންނަ ދިވެހި އެމްބަސީގައި އެދުމުން އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެެ.

ޔޫކްރެއިނާއި ޖެހިގެން އޮންނަ ބެލަރޫސްގައިވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު ޔޫކްރެއިން އަދި ބެލަރޫސްގައިވެސް ގިނައީ ދިވެހި ކިޔަވާ ކުދިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް