އިންޑިއާ ސިފައިންގެ ބަޔަކު އެމްއެންޑީއެފްގެ އުޅަނދަކަށް ފޮށިތަކެއް އަރުވާ މަންޒަރު ފެންނަ، ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ،ފޮޓޯއަކީ ކޯސްޓްގާޑުގެ ޝިޕެއް މަރާމާތު ކުރުމަށް ގެނައި ސާމާނު އުޅަނދަކަށް އަރުވާ މަންޒަރު

ފެންނަ ފޮޓޯއެއް ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މިހެން ބުނީ ސިފައިންގެ ވެހިކަލަކަށް އިންޑިއާ ސިފައިން ފޮށިތަކެއް އަރުވަނިކޮށް ފެންނަ ފޮޓޯއާ ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން އެކަމުގެ ހަގީގަތް ހާމަކޮށް މިރޭ ނެރުނު ބަޔާނެއްގައެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދައުލަތްތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑުގެ ހިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކަމުން މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމްއެންޑީއެފުން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެ ގައުމަކުން ފޮނުވާ ޓެކްނީޝަނުންގެ ޓީމެއް ބޭނުންވާ ޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސް ކަމަށް އެ ބަޔާނުގައިވެއެެވެ.

އަދި އެ މީހުން ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަ މީހުންގެ މައުލޫމާތާއި ގެނެވޭ ތަކެތީގެ މައުލޫމާތު މިނިސްޓްރީ އޮފް ޑިފެންސަށް ފޮނުވާ ހުއްދަ ލިބިގެން ނޫނީ ދަތުރު ކުރަމުން ނުދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެެ.

އެމްއެންޑީއެފުން ބުނީ 2021 ވަނަ އަހަރުގެ ފަހުކޮޅު 'ޝިޕް ހުރަވީ' މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ސިވިލް ދެ ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް މިހާރު ފުރާފައިވާ ކަމަށެވެ.

"އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އެމްއެންޑީއެފް ގެ އުޅަދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަދިއުމާ ގުޅިގެން ދަންނަވަމެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ 'ޝިޕް ކާމިޔާބު' މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި 02 ސިވިލް ޓެކްނީޝަނުން ކަމުގައި ދަންނަވަމެވެ. މިމީހުން ފުރާފައިވަނީ މިމަހުގެ 19 ގައެެވެ،" ބަޔާނުގައިވެއެވެ.

އަދި މިގޮތަށް އަންނަ ޓީމުތައް އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ގުޅިގެން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް