ދާއިމީ ޞުލްޙައަކީ، ޢަސްކަރީ މުޢާމަލާތްތަކުން ނުވަތަ ހަނގުރާމައިން ޙާޞިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ޞުލްޙައެއް ނޫންކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް، ޝާހިދު މިހެން ވިދާޅުވީ ހިފާފައިވާ ޔޫކްރެއިންގެ ބިންތަކާއި ގުޅޭގޮތުން، ދެއްވި ބަޔާނެއްގައެވެ. އދގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވީ އ.ދ.ގެ ޙަޔާތުން ވޭތުވެގެން ދިޔަ 76 އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާ ފިލާވަޅަކީ ދާއިމީ ޞުލްޙައަކީ، ޢަސްކަރީ މުޢާމަލާތްތަކުން ނުވަތަ ހަނގުރާމައިން ޙާޞިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ޞުލްޙައެއް ނޫންކަމަށާއި، ޙައްލު ގެނެވެން އޮތީ ސިޔާސީ ގޮތުންކަމަށެވެ.

 



ޝާހިދު ދެއްވި ބަޔާނުގައި 1945 އާއި ހަމައަށް ދުނިޔެ އައިއިރު، އދ.ގެ ފައުންޑަރުން ދުނިޔޭގެ ދެ ބޮޑު ހަނގުރާމައިގެ ގެއްލުމާއި، ހަލާކާއި، ކެކުޅުމާއި، ވޭން ތަހައްމަލުކޮށްފައިވާކަން ވަނީ ފާހަގަަކުރައްވާފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އިންސާނުން ތަހައްމަލް ކުރަންޖެހޭ އަނިޔާއާއި ވޭން ކުޑަކުރުމަށާއި، ހަނގުރާމައިން ލިބިގެންދާ އިގްތިޞާދީ ނިކަމެތިކަމާއި، އަދި ހަނގުރާމައަށް ފަހު، އިޤުތިޞާދު ރުޖޫޢަކުރުމަށް ކުރަންޖެހޭ ޚަރަދާއި އެތަކުލީފުން މިންޖުވެވެން އޮތް އެންމެ އެކަށޭނެ ގޮތަކީ، ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން، އެންމެ ފުރަތަމަވެސް ރައްކާތެރިވެގެން ތިބުން ކަމަށެވެ.

 

ޝާހިދު ވަނީ ‎ދެބަސްވުންތައް ހައްލުކުރަން ބޭނުންވާ ވަސީލަތް ރުކުރުވާލައި‎ ޑިޕްލޮމަސީއާއި، އިސް ފަރާތްތަކުގެ މަދަދާއި، ސުލްހައިގެ މެދުވެރިއެއްގެ ރޯލުއަދާކުރުމަށް ތިބި ފަރާތްތަކަށް އިސްކަން ދިނުމަށް މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެެ. އަދި ‎ޞުލްޙައަށް ޙައްޤުވާ ހުރިހާ ފުރުޞަތެއް އދ. އިން ދިނުމަށް ވެސް ޝާހިދު ގޮވާލެއްވިއެވެ.

 

އެމަނިކުފާނު ވިދާޅުވީ ‎އ.ދ. ގެ ޗާޓަރާއި، އެ ޗާޓަރުގެ މަޤްޞަދުތަކާއި، އެ ޗާޓަރުގެ އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުމަކީ، ދާއިމީ ޞުލްޙަ އެއް ކަށަވަރުކުރެވޭނެ މަގުކަމަށެވެ. އެހެންކަމުން މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް އދގެ އާންމު މަޖިލީހުގެ ރައީސް ވަނީ ގޮވާލައްވާފައެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު ޔޫކްރެއިން އާއި ރަޝިޔާގެ މަޝްރަޙު ހޫނުވެ ރަޝިޔާއިން މިހާރު ވަނީ ހަނގުރާމަ ރަސްމީކޮށް ފެށިކަން މިއަދު އިއުލާންކޮށްފައެެވެ. އެގޮތުން ރަޝިޔާއާއި ޔޫކްރެއިން އާއި ދެމެދު ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އދ. ގައި ޔުކްރޭނުން ވަނީ ހަނގުރާމަ ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެދިފަ އެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާއިން އަމިއްލައަށް މިނިވަންކަން އިއުލާންކުރުމާއެކު ރަޝިޔާގެ ރައީސް ޕުޓިން ވަނީ އެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް