އައްޑޫއަށް ސަރުކާރުން ވައުދުވި އިގްތިސާދީ ހަރަކާތްތަކެއް ނުފެށޭކަމަށާއި އެ ސިޓީގައި މިހާރު ހިނގާ ތަރައްގީގެ ޕްރޮޖެކްޓްތަކުން ރައްޔިތަކަށްވާ ފައިދާއެއް ނެތް ކަމަށް މޯލްޑިވިސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ސައުތު ރީޖަންގެ ނާއިބު ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެެ.

މޯލްޑިވިސް ނޭޝަނަލް ޕާޓީ އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޕީގެ ސައުތު ރީޖަންގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މި ސަރުކާރުން އައްޑުއަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށެވެ. އެ ސިޓީގައި ފަށަން ބުނި އިގްތިސާދީ ހަރަކާތްތަކެއް އަދިވެސް ފެށިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެެވެ.

އެގޮތުން އައްޑޫގައި 8000 އެނދު ތަަރައްގީކުރަންވި ވައުދު މިހާތަނަށް ނުފެއްދޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ އައްޑޫއަށް ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކެއް ނުފުއްދާ ކަމަށް ވިދާޅުގެ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެންނަވާފައެވެ.

އެގޮތުން ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވުމާއި ސަރުކާރުން ވައުދުވިގޮތަށް ބައިނަލްއަގުވާމީ ފަސް މަންޒިލަކުން އައްޑޫއަށް ފްލައިޓްތައް ބާއްވަން ވި ވައުދާއި އައްޑޫގެ ދޫގަސް ގެސްޓު ހައުސްއަށް ފަތުރުވެރިން ނުގެނެވޭ މައްސަލަ ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ޑޮކްޓަރުން ނެތިގެން ހިދުމަތް ނުދެވުމާއި ހުޅުމީދޫގެ މީހުން ޑޮކްޓަރަށް ދައްކަން އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގޮސް ތިބޭނެ ތަނެއް ކައިރީގައި ނެތުމަކީ ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ވާހަަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ލާމަރުކަޒި ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ދޭން ޖެހޭނެކަމަށް އޮތަސް އައްޑޫ ސިޓީގައި އިތުރު އޮފީހެއް ހަދައި ސްޓޭޓް މިނިސްޓަރެއް ލައި މޭޔަރުގެ ބާރު ކަނޑާލައިފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ އެމްއެންޕީން ދެކެނީ އައްޑޫ ތަރައްގީ ކުރެވޭނީ ހުވަދޫ އަދި ފުވައްމުލައް ހިމެނޭ ގޮތަށް މުޅި ސަރަހައްދު ތަރައްގީކޮށް ރީޖަނަލް ޕޯޓަށް ބޭރުން މުދާ ގެނެވޭ ގޮތަށް ހަދައި މުޅި ރީޖަންގެ އެތެރޭގެ އުދުހުންތަކުގެ އަގުވެސް ކުޑަކޮށްގެން ކަމަށެވެ.

މީގެ އިތުރުން ސަރަހައްދުގައި އެނދުތައް ތަރައްގީކޮށް އެންމެ ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ވެސް ގާއިމުކޮށް މަސްވެރިން ބާނާ މަސް ކިރުވޭނެ ގޮތް ހަދައި އައިސް ލިބޭނެ ގޮތް ހަދަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އައްޑޫގައި ސަރުކާރުން މިހާރު ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތަކުން ރައްޔިތަކަށް ލިބޭ ފައިދާއެއް މަންފާއެއް ނެތް ކަމަށެވެ.

އައްޑޫގެ ހިންގާ ތަރައްގީގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ޚަރަދުކުރަން ސަރުކާރުން ވަނީ ނިއްމާފައެވެ. އައްޑޫސިޓީގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގާއި ޖުމްލަ 107 ކިލޯމީޓަރުގެ މަގު ހެދުމަށް ނިއްމައިފައިވާއިރު އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް