މާޗުމަހުގެ އެއްވަނަ ދުވަހުން ފެށިގެން "ބޯހިމެނުން 2022" ލޯގޯ ބޭނުންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި އަހަރަކީ، ރާއްޖޭގައި ބޯހިމެނުން ބާއްވާ އަހަރުކަމަށް ވުމާއެކު، 'ބޯހިމެނުން 2022'ގައި ބޭނުން ކުރުމަށް ތައްޔާރުކުރައްވައިފައިވާ ލޯގޯ، މި އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން މި ލޯގޯ ޖެހުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރުކާރުގެ އޮފީސްތަކަށް ދޭނެ ކަމަށާއި، އެ މަޢުލޫމާތު ލިބުމުން، ލޯގޯ ޖަހަމުން ގެންދިއުމަށް ވަނީ އަންގާފައެވެ.

ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށެވެ.

ސެޕްޓެމްބަރުމަހު ބޯހިމެނުމުގެ މަސައްކަތް ފަށާއިރު ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓްކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް