އައްޑޫ ސިޓީ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ހުއްޓުވުމަށް އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ސ. މީދޫ، މުރިގު، އަބްދުﷲ ނުޒައިރު ނަމަކަށް ކިޔާ މީހަކު މިމައްސަލަ ހުށަހަޅާފައިވަނީ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އޭނާގެ ފަރާތުން ކޯޓުގައި ވަކާލާތުކުރަނީ ޕްރައިމް ސްޓްރެޓެކީ އެޓާނީސް އެންޑް ކޮންސަލްޓަންޓްސް އިންނެވެ.

މައްސަލަ ހުށަހެޅި ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އާންމު ރައްޔިތުންނާއި ތިމާވެއްޓާއި އަދި އަންނަން އޮތް ޖީލުތަކަށް ކުރާނެކަން ދިރާސާއިން ހަމާވެފައިވާކަމަށެވެ. އަދި އެމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ މަޝްރޫއަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދާ ގެއްލުން ބޮޑު މަޝްރޫއަކަށްވާތީ، އާއްމު މަސްލަހަތު ހިމާޔަތްކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުންކަމަށެވެ.

އައްޑޫ ބިން ހިއްކުން ހުއްޓުވުމުގެ މައްސަލަ ކޯޓުން ބަލައިގެންފައިވާއިރު، އެ މަޝްރޫއުގެ ސަބަބުން އައްޑު އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެކަމަށް އީއައިއޭ ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެމަސައްކަތް ހުއްޓާލުމަށް ގިނަ ޖަމިއްޔާ ތަކަކުން ވެސް ވަނީ ގޮވާލާފައެވެ.

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު މީގެކުރިން ވިދާޅުވީ އައްޑޫން 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށެވެ.

އެ މަޝްރޫއަށް ބޭނުންވާ ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އެވެލި ނަގަނީ މުޅި އެތެރެވަރީގެ 42 ޕަސެންޓް ސަރަހައްދަށްޑ ވުމުން، އޭގެ ސަބަބުން އައްޑޫ އަތޮޅު ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެކަމަށް ތިމާވެށީގެ މައްސަލަތަކުގައި އަޑުއުފުލާ ޖަމިއްޔާތަކުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން