ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށިފައިވާއިރު އެ ދެ ގައުމަކީވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދެގައުމެވެ.

ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިންގެ ފަތުރުވެރިންނަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއްކަމަށެވެ.

އެގޮތުން ރާއްޖޭގެ ޓުއަރިޒަމުގެ 20 ޕަސަންޓު މީހުންނަކީ ރަޝިޔާ އާއި ޔޫކްރޭނުން އަންނަ މީހުންކަމަށް މައުސޫމް ވިދާޅުވިއެވެ. އެހެންކަމުން އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިއްޖެނަމަ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތައް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމަކީ ރަޝިޔާއެވެ. އެގޮތުން މިދިޔަ އަހަރު 222،422 މީހުން ރަޝިއާއިން އައިސްފައިވެއެވެ. މިއީ އިންޑިއާ މާކެޓު ފިޔަވައި މިދިޔަ އަހަރު އެންމެ ބޮޑު މާކެޓަށްވީއިރު، މި ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް 15.6 އިންސައްތައާއެކު އެއްވަނައިގައި މިއަހަރު އޮތީވެސް ރަޝީއާ މާކެޓެވެ.

މިދިޔަ އަހަރުވެސް އަދި މިއަހަރު މިހާތަނަށްވެސް ޔޫކްރެއިން މާކެޓަކީ 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެ ޤައުމުން މިދިޔަ އަހަރު އެކަނިވެސް 35،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް