2019 އަދި 2020 ވަނަ އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލްގެ އެވޯޑް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި އަރިއަތޮޅު އުތުރުބުރީ ބޮޑު ފޮޅަދޫ ކައުންސިލުން ޙާސިލްކޮށްފިއެވެ.

މި އެވޯޑްތައް ދީފައިވަނީ ލާމަރުކަޒީ ދުވަހާއި ގުޅުވައިގެން ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން ކައުންސިލްތަކަށް ދެމުންއަންނަ "ކަންގަތި އެވޯޑް"އަކީ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގައި، އެންމެ މަތިން މާކްސް ހޯދަމުން އަންނަ ކައުންސިލްތަކަށް ދެމުންދާ އެވޯޑެކެވެ.

މި އިންޑެކްސްގައި ބަލާ ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރުމާއި، ކައުންސިލްތަކުގެ ބައިވެރިވުމާއި ޒިމާތައް އަދާކުރުމުގެ މިންގަޑުތަކަށް ބަލައެވެ.

އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ އެންމަ ރަނގަޅު 3 އަތޮޅު ކައުންސިލަށްދޭ "ގަދަހަމާންތި ދަރަޖަ"، އެންމެ ރަނގަޅު 3 ރަށު ކައުންސިލަށް ދޭ "ރަނަހަމާންތި ދަރަޖަ"، އަދި މި އިންޑެކްސްގެ އެކި ބައިތަކުން އެންމެ މަތިން މަރކްސް ހޯދާ އަތޮޅު ކައުންސިލަށްދޭ "މާރަދަ"އެވޯޑް އަދި އަހަރުން އަހަރަށް ފަރަގު ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކައުންސިލަށްދޭ "ކާންނާ" އެވޯޑެވެ.

2019 ވަނަ އަހަރުގެ ކައުންސިލް އެވޯޑް "ރަނަހަމާންތި" ފ.ނިލަންދޫ ކައުންސިލުން ހޯދިއިރު، 2020ވަނަ އަހަރުގެ "ރަނަހަމާންތި" އެވޯޑް ހާސިލްކުރީ އަރިއަތޮޅު އުތުރުބުރީ ބޮޑު ފޮޅަދޫ ކައުންސިލުންނެވެ.



މިރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންނާއި އެންމެ ގާތުން ބިނާކުރެވޭ މުއައްސަސާކަމަށާއި، ކައުންސިލްތަކުގެ ކަންކަން ރަނގަޅުކުރުމަށް އެލްޖީއޭއާއި އަދި ކަމާގުޅުންހުރި އިދާރާތަކުން ގިނަ މަސައްކަތްކެއް ކުރަމުންދާކަމަށެވެ..

ރާއްޖޭގައި ލާމަރުކަޒީ ޤާނޫނު ތަސްދީޤުކޮށް ފުރަތަމަ ފަހަރަށް ކައުންސިލްތައް ހުވާކޮށްފައިވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ދުވަސް ފާހަގަކުރަނީ އެ ދުވަހާއި ގުޅުވައިގެންނެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން