ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ ރަޝިއާއާއި ޔޫކްރެއިންގެ ފަތުރުވެރިންގެ ވީޒާގެ މުއްދަތު އިތުރުކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައި މިވަނީ ރަޝިޔާއާއި ޔޫކްރެއިނާއި ދެމެދު ހަނގުރާމައެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ. އަނެއްކޮޅުން އެ ދެ ގައުމަކީވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކެއްވެސްމެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގައި މިވަގުތުވެސް ރަޝިޔާއާއި ޔޫކްރެއިންގެ ގިނަ އަދަދެއްގެ ފަތުރުވެރިން އެބަތިބިކަމަށެވެ. އަދި ރާއްޖޭގައި ތިބި ރަޝިއާއާއި ޔޫކްރެއިންގެ ފަތުރުވެރިންގެ ޢަދަދާއި އެމީހުން ފުރުމަށް ހަމަޖެހިފައިވާގޮތް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން އެދިފައިވާނެކަމަށާއި، އަދި އެ މައުލޫމާތުތައް މިހާރު މިނިސްޓްރީއަށް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިންގެ ފަތުރުވެެރިން މިވަގުތު ގައުމަށް އެނބުރި ނުގޮސް މަޑުކުރަން ބޭނުންވާނަމަ ވީޒާގެ މުއްދަތު އިތުރުކުރުމަށް ފަސޭހަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވާ ދެއްވާނެކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ދެއްވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށިފައިވާއިރު، ހަނގުރާމައިން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށްވެސް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިންގެ ފަތުރުވެރިންނަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއްކަމަށެވެ.

އެގޮތުން ރާއްޖޭގެ ޓުއަރިޒަމުގެ 20 ޕަސަންޓު މީހުންނަކީ ރަޝިޔާ އާއި ޔޫކްރޭނުން އަންނަ މީހުންކަމަށް މައުސޫމް ވިދާޅުވިއެވެ. އެހެންކަމުން އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިއްޖެނަމަ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތައް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމަކީ ރަޝިޔާއެވެ. އެގޮތުން މިދިޔަ އަހަރު 222،422 މީހުން ރަޝިއާއިން އައިސްފައިވެއެވެ. މިއީ އިންޑިއާ މާކެޓު ފިޔަވައި މިދިޔަ އަހަރު އެންމެ ބޮޑު މާކެޓަށްވީއިރު، މި ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް 15.6 އިންސައްތައާއެކު އެއްވަނައިގައި މިއަހަރު އޮތީވެސް ރަޝީއާ މާކެޓެވެ.

މިދިޔަ އަހަރުވެސް އަދި މިއަހަރު މިހާތަނަށްވެސް ޔޫކްރެއިން މާކެޓަކީ 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެ ޤައުމުން މިދިޔަ އަހަރު އެކަނިވެސް 35،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން