އެފްބީއައި އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ދިވެހި މީހާގެ ތަހުގީގު ކުރިއަށްގެންދަނީ އެ އިދާރާއިންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔޫރޮޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ ދެ އިދާރާއަކާއި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން، ޖެނުއަރީ 06 ވަނަ ދުވަހު ދިވެހިރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ވަނީ މިމައްސަލައާ ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެވެ.

ފުލުހުން ބުނީ 2015 ވަނަ އަހަރުންފެށިގެން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި މީނާ އިސްކޮށް އެ ހަރަކާތްތެރިވަމުން އަންނަކަން އޮތީ ފާހަގަކުރެވިފައިކަމަށެވެ.

"މިގޮތުން ޓެލެގްރާމް އަދި އެނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިންގ ޕްލެޓްފޯމްތަކުގައި ސްކާރމިޝް"، "ސްކާރމިޝްކިޑް"އަދިވެސް އެހެނިހެން އެކި ނަންނަމުގައި އެކައުންޓްތައް ހަދައި، ސޯޝަލް މީޑިއާ ގުރޫޕްތަކުގައި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން މީނާ ދައުރު ކުރަމުން ގޮސްފައިވޭ" ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ މީނާ ދައުރު ކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި، ލިޔުންތައް ހުންނަނީ އެކި ޤައުމުތަކަށް އަމާޒުކޮށް، އެ ޤައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަމަށެވެ. އަދި އިތުރަށް ބެލިބެލުމުން، މި ގުރޫޕްތައް މެދުވެރިކޮށް، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި، އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

"މީނާ ސޯޝަލް މީޑިއާގައި ފަތުރައި، ޝާއިއުކޮށްފައިވާ ބައެއް ކޮންޓެންޓްތަކަށް ބަލާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލައި، އެފަދަ ކަންކަން ކުރުމަށް ހިތްވަރުދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވޭ. އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި، އެ ގައުމުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި، އެކަމަށް ހިތްވަރުދެމުން ދިޔަކަންވެސް ފާހަގަކުރެވިފައިވޭ" ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއް ވަނީ ފުލުހުން ބެލުމުގެދަށަށް ގެނެސްފައިކަމަށެވެ. އަދި މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެެންދަނީ އިތުރަށް ތަހުގީގުކުރަމުންކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން