ދިވެހި ސިފައިން ސިޔާސީ ކުރަމުންދާ ކަމަށާއި އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެެ. ރައީސް އަބުދުﷲ ޔާމިން ވިދާޅުވީ ދިވެހި ސިފައިން "ސިޔާސީ" ނުކުރެވޭނެ ކަމަށެވެ. ސިފައިންގެ ޖެނެރަލުން އެ ޖާގަ ދީގެންނުވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ދިވެހި ސިފައިން ސިޔާސީ ބަޔަކަށް ހަދަން މާރިޔާ އަހުމަދު ދީދީ ސިޔާސީ މީހަކަށް ވިޔަސް މަސައްކަތް ކޮށްގެން ނުވާނެ، އަދި އެކަން ކުރަން ދިވެހި ސިފައިންގެ ޖެނެރަލުން ޖާގަ ދީގެން ނުވާނެ. ދިވެހި ސިފައިން ތަރުތީބުވެފައި ތިބީ ސިޔާސީ މަސައްކަތުގައި ބައިވެރިވާކަން ނޫން. އަދި ސިޔާސީ ލީޑަރުން ބުނިހާ ގޮތަކަށް ގައުމުގެ ސިޔާދަތާއި ގައުމުގެ ރައްކާތެރިކަމާއި ގައުމުގެ ހިމާޔަތް ބައެއްގެ އަޅުވެތި ކަމަށްދާއިރު އެކަން ބަލަން އަތްތިލަބަޑި ތަޅަން ތިބޭ ބައެއް ނޫން ދިވެހި ސިފައިންނަކީ." ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން އެ މޭރުމުން ވާހަކަފުޅު ދެއްކެވީ އިންޑިޔާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ހުރިހާ ސިފައިން އިއްތިފާގުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީގައި ޗީފް އޮފް ޑިފެންސް ފޯސް އަބުދުﷲ ޝަމާލް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ރައީސް ޔާމިން ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވާނަމަ އެ ނުރައްކާވާ ގޮތެއް ސިފައިން ބުނެދޭންޖެހޭނެ ކަމަށެވެ. އެހަރަކާތާއި އިންޑިޔާއާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކާއި ގުޅުވައި އެމްއެންޑީއެފުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ގާއިމްވެ ތިބޭ ސަރަހައްދުތަކުގައި ދިވެހި ސިފައިންގެ ބާރެއް ނެތް ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ޔާމިން މިއަދު ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގައި އެމަނިކުފާނުގެ ބަސް ހިނގާހާ ހިނދެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެގެން ތިބޭ މައްސަލައާ ގުޅިގެން ދިވެހިރައްޔިތުންނަށް ޣައްދާރުވެފައިވާ އެއްވެސް ބަޔަކާއެކު ސިޔާސީ ގުޅުމެއް ނުއުފައްދަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ޕީޕީއެމުން ވާދަކުރާނީ ވަކިންކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕިއެމުން ކެންޑިޑޭޓެއް ދައްކާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލާ އެމަނިކުފާނުގެ އިސްނެންގެވުމަށް ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެރަށުގައި ކުުރިއަށް ގެންދިޔަ އިންޑިޔާ އައުޓް ހަރަކާތުގައި ވެސް ރައީސް ޔާމިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

މެހި

02-Mar-2022

ހަޔާތްކުޑަ ވިޔަސް މިވަރެއްނެއް



ޓްރެންޑިން