ސަރުކާރު ހިންގާ މައިޕާޓީ, އެމްޑީޕީގެ ހަރަކާތްތައް އޮތީ ލަދުގަންނަންޖެހޭ ހާލަތުގައި ކަމަށާއި އެހެންކަމުން އެ "އޮޑި" މަރާމާތުކޮށް ސްޕީޑް ބާރު ކުރަންޖެހޭ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިހެން ވިދާޅުވީ ފައްޔާޒް ވާދަކުރައްވާ އެމްޑީޕީގެ ޗެއާޕާސަން މަގާމުގެ އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ސްޕީޑް ބާރުކޮށް ޕާޓީގެ ކަންކަން ރަނގަަޅަށް ރާވާލައި ޕާޓީގެ އަސާސްތައް ނަގަހައްޓަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެމަސައްކަތްތައް ނުކޮށްފިނަމަ އެމްޑީޕީއަށް ލިިބިފައިވާ ކާމިޔާބީތައް ފަހަތަށް ޖެހި ގެއްލިގެން ހިގައިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީއަކީ ހުރިހާ ކަނޑަކަށް ހެއުވަރު އޮޑިއެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީގެ ސްޕީޑް ކޮންމެ ވެސް ވަރަކަށް ދަށްވެއްޖެ ކަމަށާއި އެހެންކަމުން އޮޑި މަރާމާތު ކުރަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މިއޮޑި (އެމްޑީޕީ)ގެ ރިޔާ ސާފުކޮށްލަންޖެހިއްޖެ، ކުރިމަތިން ނަގާ ކަޅުވިލާ ތަކާއި ދޭތެރޭގައި އަޅުގަނޑުމެންގެ ވިސްނުން ގެއްލިއްޖެ. އަޅުގަނޑުމެންނަށް އެ އިހުސާސް ނުކުރެވޭހެން ހީވާން ފަށައިފި، އެހެން ނަމަވެސް އަޅުުގަނޑަށް ގަބޫލު ކުރެވޭގޮތުގައި އެ ވިލާގަނޑު އަންނަނީ ނަގަމުން." ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ހިންގުން މިއަދު އޮތީ ޕާޓީގެ ސައިޒުގައި ނޫން ކަމަށާއި އަދި މެމްބަރުންނަށް ހައްގުވާ މިންވަރުގައި ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް މިއަދު އޮތީ ލަދުވެތިވާންޖެހޭ ހާލަތުގައި ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ.

"ކުދިކުދި ސިކުނޑިތަކެއްގައި ފިތުނައިގެ ތެރޭގައި ތާށިވެގެން ތިބެންވީ ޕާޓީ އެއް ނޫން މިއީކީ. އެއަށްވުރެ މާ ބޮޑު ޕާޓީއެއް މިއީ. މި ޕާޓީއަކީ ކޮންމެ މީހަކަށް ޖާގަ އޮތް ޕާޓީއެއް. ވަކި ގެއަކަށް ނިސްބަތްވެގެން މި ޕާޓީގައި ނޫޅެވުމުގެ ފުރުސަތަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން." ފައްޔާޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވަނީ ޗެއާޕާސަން ކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވަައުދު ވެވަޑައިގެންފައެވެ. އެގޮތުން މަގާމަށް އިންތިޚާބު ވެއްޖެނަމަ ޕާޓީ ހިންގުމުގައި ޒުވާނުންގެ ރޯލު މިހާރަށްވުރެ ފުޅާކުރައްވާނެ ކަމަށާއި އަދި މުޖުތަމައު ބިނާކުރުމަށްޓަކައި ޒުވާނުންގެ އަޑުތައް އިއްވައިދޭނެ އިންތިޒާމް ކަށަވަރު ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ޢަދި އެމްޑީޕީގައި މިހާރު އޮތް ކޮމެޓީތަކަށް ފަންނީ ލަފާ ހޯދައި ކުރިއަށް އޮތްތާނގައި ހުށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް ކޮމެޓީތަކުގެ ބޭނުން ހިފާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީން މިހާރަށްވުރެ ރަނގަޅަށް ހިންގާލަންޖެހޭ ކަމަށާއި ޕާޓީ ހިންގަނީ ޕާޓީގެ ހަރުގެ ތަކާއި ގޮފިތައް ރަނގަޅަށް ހިންގުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ ވޭތުވެ ދިޔަ މުއްދަތުގައި އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ޒުވާނުންނާއި އަންހެން ބޭފުޅުންގެ ބައިވެރިވުން އޮންނަ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި އެކަން ބަދަލު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވާނެ އަންހެން ބޭފުޅުން ސިޔާސީ މަގާމުތަކަށް ނެރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން." ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ޗެއާޕަސަން ކަމަށް އިންތިޚާބުވެއްޖެނަމަ އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި މުޖްތަމައުގައި އަނިޔާވެރިކަން އަލުން އިއާދަ ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަފުތައް އަލުން ރުކުރުވާލައި އަޅުގަނޑުމެންގެ ހަރުގެތަކުން ކުރިން އެމްޑީޕީ ފެނުނު ގޮތަށް ދައްކާލުމަށްޓަކައި އަޅުގަނޑު މިހިރީ ތައްޔާރަށް ފަހަަތަށް ޖެހުމެއް ނެތް. ފަހަތުން ކެހެރޭ ކެހެރުމަކަށް ބެލުމެއް ނެތް. އަޅުގަނޑުމެން ދާނީ ބާރަށް ކުރިއަށް." ވަރަށް ފޯރިއާއި ޖޯޝުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ކެމްޕޭންވެސް މިރޭ ރަސްމީކޮށް ވަނީ ފަށާފައެވެ. ފައްޔާޒާއި ރޮޒައިނާގެ ކެމްޕޭން ޝިއާރެއްގެ ގޮތުގައި ބޭނުންކުރަނީ "ހިންގާލަން" މި ޝިއާރެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އަންހެނުންގެ ރޫހުގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ނިންމައިފައިވަނީ އަންނަ އޭޕްރީލް 16 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް