ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި ތިބި 15 ދިވެއްސަކު ހަންގޭރީގެ ބޯޑަރު ހުރަސްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި 15 ދިވެހިން ރޭ ރާއްޖެ ގަޑިން 11:30 ހާއިރު ހަންގޭރީއަށް ފޯރާފައިވާ ކަމަށެވެ. އެމީހުން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ގޮސް ދެ ދުވަހެއްގެ ތެރޭގައި މާލެ އަންނަން ފުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެެވެ.

އެކަމަކު އަދިވެސް ޔޫކްރެއިންގެ ހަރްކީވްގައި ބާކީ ނުވަ ދިވެހިން އެބަތިބި ކަމަށް މިނިސްޓްރީން ބުނެ އެވެ. މި ސަރަހައްދަކީ އެންމެ ބޮޑަށް ހަމަލާ ބަދަލު ކުރަމުންދާ އެއް ސަރަހައްދުކަން ފާހަަގަކޮށްލެވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އުތުރުގައި ތިބި އެ ދިވެހިން ހުޅަނގަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ހަންގޭރީގެ ބޯޑަރު ކައިރިއެވެ.

މިނިސްޓްރީއާއި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން މިކަމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ބެލަރުސްގައި ތިބި ދިވެހި ދަރިވަރުން ކިޔަވާ ޔުނިވަސިޓީ ހުންނަނީ ޔޫކުރެއިންގެ ބޯޑަރާ 1،500 ކިލޯމީޓަރު ދުރުގައި ކަމުން އެ ކުދިންނަށް ނުރައްކަލެއް ނެތް ކަމަށެވެ. ބެލަރުސްގައި 140 ދިވެހި ދަރިވަރުން ތިބިއިރު، އެ ކުދިންނާ ގުޅޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޔޫކުރެއިންގެ ބޯޑަރާ ކައިރީގައި އޮންނަ ރަޝިއާގެ ކާސްކު ސިޓީގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ވެސް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް