ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ވެރިކަމަށް ވާދަނުކުރަށްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސޯލިހް ވިދާޅުވެއްޖެއެެވެ.

ޖުމުހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހް މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޕީޕީއެމުން ތާއީދު ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމިން ވިދާޅުވުމާއި ގުޅިގެންނެެވެ.

އެކަމާ ގުޅިގެން "ރަސްއޮންލައިން" އަށް ދެެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަަވަމުން ޖުމުހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަން ބަދަލުވީ ގާސިމްގެ އެއްބާރުލުމާއި އެކުގައިކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. ހަމައެގޮތަށް ރައީސް ޔާމިނަށް ވެރިކަން ލިބިވަޑައިގަތީ ވެސް ގާސިމްގެ ތާއިދު ލިބިގެން ކަމަށާއި ގާސިމަށް ފާޑުވިދާޅުވާން ރައީސް ޔާމިނަށް ކެރިވަޑައިގަތީތީ ހައިރާންވެވަޑައިގަންނަވާ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ ރައީސް ޔާމިން ގާސިމަށް ފާޑުވިދާޅުވަނީ އެމަނިކުފާނަށް އޮތް ރައްޔިތުންގެ ތާއިދު ފެނިވަޑައިގެން ކަމަށާއި، އެއީ ހައިރާންވާވަރުގެ ކަމެއް ނޫން ކަމަށެވެ. ޖުމުހޫރީ ޕާޓީގެ ތާރިޚަށް ބަލާއިރު ކޯލިޝަން ހަދަން އަބަދުވެސް އަންނަނީ އެހެން ޕާޓީތަކުން ކަމަށާއި އަދި ގާސިމް އިބްރާހިމް ޕީޕިއެމްގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް އަލީސޯލިހް ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް ހަނދުމަފުޅުކޮށް އަރުވަން،، މިހާތަނަށް ވެސް ގާސިމް އިބްރާހިމް ސިޔާސީ އެހީތެރިކަމެއް، ސިޔާސީގޮތުން ކާމިޔާބެއް ހާސިލުކުރަށްވަން ނުވަތަ ވެރިކަން ބޭނުންފުޅުވެގެން ވެސް އެއްވެސް ސިޔާސީ ޕާޓީއެއްގެ ފައިބުޑަށް ވަޑައިގެން އެހީތެރިކަމަށް އެދިފައެއް ނޯންނާނެ. މަނިކުފާނު އަދި ހަނދުމަ ނެތޭނެހެނެއް ހިއެއްނުވޭ އެންމެފަހުން ވެރިކަން ހޯއްދަވަން މަނިކުފާނު ވަޑައިގެން އާދޭސް ދެންނެވީ ކާކަށްކަން." ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވީ ގާސިމް އިބްރާހިމް ގެ އެހީތެރިކަމާއެކު ކަން ހަނދުމަކިށް އަރުވަމުން އަލީ ވިދާޅުވިއެވެ.

ޕީޕިއެމް ދޫކޮށް ޖުމުހޫރީ ޕާޓިއަށް ދިޔަ ބޭފުޅުންނަށް ރައީސް ޔާމިން ފާޑުވިދާޅުވާތީ އެކަމަށް ވެސް އަލީ ސޯލިހް ވަނީ ރައްދު ދެއްވާފައެވެ. އަލީ ސޯލިހް ވިދާޅުވީ ރައީސް ޔާމިން ދޫކުރައްވައި ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި މެމްބަރުންގެ ކޮލިޓީ (ގާބިލުކަން) އެނގިވަޑައިގެން ހުންނަވައި އެބޭފުޅުންނަށް ފާޑުވިދާޅުވުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ޖޭޕީގައި އެބޭފުޅުން (ޕީޕިއެމުން ވަކިވެ ޖޭޕީ އާއި ގުޅުނު މެމްބަރުން) މިނިވަންކަމާއި އެކު ހިންގުމުގެ ދާއިރާގެ ބަސްބުނެ ކަންކުރަން ޖޭޕީން ފުރުސަތު އެބައޮތް، އެބޭފުޅުން މަސައްކަތް ކުރަނީ އިހުލާސްތެރިކަމާއެކު ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް. އަދި ޖޭޕީ އެންމެ ވަރުގަދަ ޕާޓީއަކަށް ހެދުމަށް." އަލީ ސޯލިހް ވިދާޅުވިއެެވެ.

ގއ. ވިލިނގިލީގައި ޕީޕީއެމުން އިއްޔެ ބޭއްވި އިންޑިއާ އައުޓް ކެމްޕެއިންގަައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް، އެމަނިކުފާނުގެ ނަމުގައި އޮޅުވާލައިގެން ތާއީދު ހޯދުމަށް އެކި ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ޕީޕީއެމުން ގާސިމަށް ތާއީދު ކުރާނެ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނެރޭނެ ކެނޑިޑޭޓަކު ނުލިބިގެން ޕީޕީއެމް ނޫޅޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގައި އެމަނިކުފާނުގެ ބަސް ހިނގާހާ ހިނދެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެގެން ތިބޭ މައްސަލައާ ގުޅިގެން ދިވެހިރައްޔިތުންނަށް ޣައްދާރުވެފައިވާ އެއްވެސް ބަޔަކާއެކު ސިޔާސީ ގުޅުމެއް ނުއުފައްދަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ޕީޕީއެމުން ވާދަކުރާނީ ވަކިންކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕިއެމުން ކެންޑިޑޭޓެއް ދައްކާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން ވަނީ ޕީޕިއެމް ދޫކޮށް ޖޭޕީއާއި ގުޅިވަޑައިގެންނެވި މެމްބަރުންނަށް ދެން ޕީޕިއެމުން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް