މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)
ޕާޓީން ވިޕް ނެރުނަސް މިޙާލަތުގައި ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތި ވިދާޅުވީ މިއީ ގާނޫނުއަސާސީ އިސްލާހު ކުރަންޖެހޭ ވަގުތެއް ނޫން ކަމަށާއި ޕާޓީން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އެފަދަ ކަމަކަށް ވޯޓު ނުދެއްވާނެ ކަމަށެވެ. މިވަގުތު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ކޮންމެހެން ގާނޫނުއަސާސީ އިސްލާހު ކުރަން ނުޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ.

"މުޅިމޫނުވަށާ ފޮތި އޮޅައިގެން ތިބެ ކޮންކަހަލަ ވިސްނުމެއްތޯ އަޅުގަނޑުމެން މި ގެންގުޅެނީ؟ ކޮންކަހަލަ ގޮތްތަކަކަށްތޯ އަޅުގަނޑުމެން މި މާނަ ކުރަނީ ބޮޑެތި ބޮޑެތި ދުސްތޫރުތައް މާނަ ކުރަމުން ދާއިރުގަ؟ ކޮން ޖަންގައްޔަކުންތޯ މި ވިސްނުން އަޅުގަނޑުމެން މި ނެރެނީ؟ ރައްޔިތުން އިންތިޚާބު ކޮށްފަ ފޮނުވީމަ ޤާނޫނު އަސާސީއާ ކުޅެން މި އުޅެނީ މި ޙާލަތުގައި އަޅުގަނޑުމެން ބައިތިއްބައިގެންތޯ؟" އިންތި ސުވާލު އުފެއްދެވިއެވެ.

އިންތިޚާބެއް ނުބޭއްވޭ ކޮންމެ ފަހަރަކު ޤާނޫނުއަސާސީ އިސްލާޙުކުރުން ނޫން ގޮތެއް ނެތްކަމަށް ދެކޭނަމަ "އަޅުގަނޑުމެންނަކީ" ގަދަބައެއް ކަމަށް އިންތި ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މި ދަނޑިވަޅުގައި އިންތިޚާބު ބޭއްވުމުގެ މާޙައުލެއް ނެތުމުން ޤާނޫނު އަސާސީގެ ފަހަތުން ދުވާކަމަށް ދެކޭނަމަ "އަޅުގަނޑުމެންނަކީ" ހަމަ ގަދަ ބައެއް ކަމަށާއި، މިއީ ޤާނޫނު އަސާސީ އިސްލާޙު ކުރެވޭނެ ޙާލަތެއް ކަމަށް ދެކެންޏާ "އަޅުގަނޑުމެންނަކީ" ގަދަ ބައެއް ކަމަށް އިންތި ވިދާޅުވިއެވެ. އަދި "އަޅުގަނޑުމެން" މި ތިބީ ނުރައްކަލެއްގައި ނޫން ކަމަށް ދެކެންޏާ "އަޅުގަނޑުމެންނަކީ" ހަމަ ޙަޤީޤަތުގައިވެސް ގަދަ ބައެއް ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.

އިންތިވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން ރޭ ނެރުނު ވިޕާމެދުވެސް ސުވާލު އުފައްދަވާފައެވެ. އަދި އޮތްކަމެއް ނެތްކަމަށް ދައްކައިގެންނާއި، އޮތް ޙާލަތެއް ނެތް ޙާލަތަކަށް ހަދައިގެން ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ޖާގަ ހޯދަން އުޅުމަކީ އަމިއްލަ ނަފްސަށް މަކަރު ހެދުން ކަމަށް އިންތި ވިދާޅުވިއެވެ.

"ކޮންކަހަލަ ވިޕް ތަކެއްތޯ މި ނެރެނީ؟ ކޮންކަހަލަ ނިންމުންތަކެއްތޯ މި ނިންމަނީ؟ ކޮންކަހަލަ ލަފާތަކެއްތޯ ލިބެމުން މިދަނީ؟ މިނޫން ގޮތެއް ނެތީތޯ؟.. ގާނޫނެއް ބަދަލު ކުރަން ވިޕްލައިނަށް ތަބާވިއަސް ގާނޫނުއަސާސީއަށް މިފަދަ ދަނޑިވަޅެއްގައި އިސްލާހު ގެންނަން ވޯޓު ދޭނީ، ޕާޓީ އަދި ސަރުކާރު ބުނާ ގޮތަކަށް ނޫން. ވޯޓު ދޭނީ އަމިއްލަ ކޮންވިކްޝަންތަކާއި އެއްގޮތަށް." އިންތި ވިދާޅުވިއެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ދެވެން ނެތް ސަބަބުތައް ހާމަ ކުރައްވަމުން އިންތި ވިދާޅުވީ ނިމިދިޔަ ރަމަޟާން މަހުގައި ޖެހިގެން ހުންނަ އެއްބަނޑު އެއްބަފާ މީހާގެ އެޕާޓުމަންޓަށް ރޯދަ ވީއްލަން ދިއުން މަނާކޮށްފައިވާ ހާލަތެއްގައި އަދި މިސްކިތްތަކަށް އަރާ ނަމާދު ކުރުންވެސް މަނާކޮށްފައިވާ މި ދަނޑިވަޅަކީ ގާނޫނުއަސާސީ އިސްލާހު ކުރުން އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މުސްކުޅި މައިންބަފައިން، ކޮންމެ މީހަކުވެސް ބޭނުންވާނެ އެމީހުން ގާތަށް ގޮސްލަން. އެއީ މާތްކަން އިތުރުވެގެންވާ ކަމެއް. މިހާލަތުގައި މައިންބަފައިން ގާތަށް ޒިޔާރަތް ނުކުރުން އެއީ މާތްކަން އިތުރުވެގެންވާ ކަމެއްގެ ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރުގައި އެކަން އޮތީ އެގޮތަށް. މިއީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަގުތެއްތޯ." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ޤާނޫނަކީ ދިރޭ އެއްޗެއް ކަމަށާއި، ލިޔެފައި އޮންނަ އެންމެ ތަންކޮޅެއްގައި ހިފައިގެން ޤާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ އެއީ ޤާނޫނުގެ މަޤްސަދު ގެއްލޭނެ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ. އަދި މިޙާލަތުގައި ޤާނޫނު އަސާސީ އިސްލާޙު ނުކުރެވޭނެކަން މަޖިލީހުގެ ރެކޯޑަށްޓަކައި އިންތިވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


15

އަލީ

28-May-2020

ގާނޫނު އަސާސީ އިސްލާހުކުރާ ކޮންމެ ފަހަރަކު މަޖިލީހު މެމްބަރުން ރައްޔިތުންގެ ހިޔާލު ހޯދަންނުޖެހޭއިރު މިފަހަރު މިގޮތް ތަފާތުވީ ކީއްވެގެންތޯ. ޕާޓީގެ ވިޕްލައިނާ އަބަދުވެސް ތަބާވާންޖެހޭނެ.



ޓްރެންޑިން