އަހުމަދު މަސްނޫމް   27 ފެބްރުއަރީ 2022 - 22:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމުގައި ހުންނެވި، ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދު އެ މަޤާމުން ވަކި ކުރައްވައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް މިއަދު ޢައްޔަނު ކުރައްވާފައިވާކަމަށެވެ.

މުޙައްމަދު ނާޞިޙް ރަޝީދު މީގެ ކުރިން ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

މުޙައްމަދު ނާޞިޙް ރަޝީދަކީ ބެޗެލަރ އޮފް ޝަރިޢާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާޞިޙް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އައްސަދު އަލީގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް