ސަރުކާރުގެ ނެޓް ޒީރޯ އަމާޒަށް ވާސިލުވުމަށް ސްޓެލްކޯގެ ދައުރު ބޮޑުކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ "ސްޓެލްކޯގެ ޕަވަރހައުސް މެނޭޖާރޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނެޓް ޒީރޯއަކީ ޖައްވަށް ކާބަން ބޭރުކުރާ މިންވަރާ އެއްވަރަށް އެ ގޭސްތައް ސާފު ވާނެ ގޮތްތައް ގާއިމް ކުރެވިފައިހުރުމެވެ.

ނެޓް ޒީރޯ އަމާޒަށް ވާސިލުވުމަށް ސްޓެލްކޯގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން ޝައުނާ ވިދާޅުވީ، ރާއްޖެ ހަލުވި ސްޕީޑްގައި ކުރިއަރަމުން އަންނައިރު، ސްޓެލްކޯ ވާންޖެހޭނީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ޚިދްމަތް ދޭ ކުންފުންޏަކަށްކަމަށެވެ.

ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ޚިދުމަތްދިނުމުގެ ގާބިލްކަން ހުރިހާ ގޮތަކުންވެސް ސްޓެލްކޯގައި އެބަހުރި ކަމަށެވެ. އަދި އިޔާދަކުރަނިވި ހަކަތައާއެކު ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކޮންމެ ކަމެއްވެސް ހާސިލް ވާނީ އެކަމެއް ކުރަން ފެށުމުން ކަމަށެވެ. އަދި "ނެޓް ޒީރޯ" ޓާރގެޓް 2030 ވަނަ އަހަރު ހާސިލްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މި ޓާރގެޓް ހާސިލްކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޝައުނާ ވިދާޅުވީ އެކަމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މި އަމާޒަށް ވާސިލްވުމަށް ރަށްރަށުގައި ކުރަންޖެހޭ ކަންތައް ކުރުމަށް ސަރުކާރުން އިންވެސްޓްވެސް ކޮށްދޭން ތައްޔާރަށް އޮތްކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ "ޕަވަރ ހައުސް މެނޭޖާރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022" އަކީ އެކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، އިންޖީނުގެތަކުގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް