އަހުމަދު މަސްނޫމް   28 ފެބްރުއަރީ 2022 - 2:34
ރާއްޖޭގައި ތިބި ޔޫކްރެއިންގެ ފަތުރުވެރިންނަށް ހާއްސަ ވީޒާއެއް ދިނުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން މިގޮތަށް ނިންމާފައި މިވަނީ، ޔޫކްރެއިންނާއި ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ޔޫކްރެއިންގެ ގިނަ އަދަދެއްގެ ފަތުރުވެރިން ތާށިވެފައި ތިބުމުންނެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވީޒާގެ މުއްދަތަށް ވުރެ އިިތުރަށް ރާއްޖޭގައި މަޑުކުރަން ބޭނުންވާނަމަ އެ ފަރާތްތަކަށް ހާއްސަ ވީޒާއެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން ވީޒާ އިތުރުކުރަން ބޭނުންވާ ފަރާތްތަކުން އޮންއެރައިވަލް ވީޒާ ހަމަވުމުގެ ކުރިން ވީޒާ އިތުރުކުރުމަށް އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.



ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގައި ޔޫކްރެއިންގެ 300 އަށް ވުރެ ގިނަ ފަތުރުވެރިން، ޔޫކްރެއިނަށް އެނބުރި ނުދެވި ތާށިވެފައި އެބަތިއްބެވެ.

ޔޫކްރެއިންގެ ޓޫރިސްޓުން ރާއްޖޭގައި ތާށިވެފައި މިވަނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ވައިގެ ސަރަހައްދު ކޮމާޝަލް ފްލައިޓްތަކަށް ބަންދުކުރުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތަކުން އެއްކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ޔޫކްރެއިންގެ 350 ވަރަކަށް ފަތުރުވެރިން އެބަތިބިކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފުރުން ލަސްވަމުންދާ ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް