ސަރުކާރުން ހަދާ ކުޅިވަރު ދަނޑުތަކުގެ މަސައްކަތް ލަސްވަނީ އެދަނޑުތަކުގައި ކުރަންޖެހޭ މަސައްކަތް ގިނަވުމުން ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، މީދޫ ދަނޑުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ސާފް ކުރުމަށް ކުރެއްވި ސުވާލުކަށް ޖަވާބު ދެއްވަމުންނެެވެ.

އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މީދޫގެ ދަނޑުގެ މަސައްކަތް ލަސްވުމާ ގުޅިގެން ޒުވާނުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ދަނޑުގައި ޒުވާނުން މިރުސް ގަސް ވެސް ހައްދައިފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެެވެ. މަހުލޫފް ވިދާޅުވީ ދަނޑުތަކުގެ މަސައްކަތް ލަސްވެގެން ދަނީ މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނުކޮށްގެން ނޫން ކަމަށެވެ.

"ހަމަ ހަގީގަތުގައި ވެސް ކުރަން ޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަ ވެގެން ގޮސް، މަސައްކަތްތައް ނުނިންމެނީ. މީދޫ ދަނޑު ވެސް ވެލިދޫ ދަނޑު ވެސް." މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ޕްރޮޖެކްޓުތަކާ އިންތިޚާބާ ގުޅުމެއް ނޯންނާނެ ކަމަށެވެ. ފާއިތުވީ އަހަރުތަކުގައި މަސައްކަތްތައް ލަސްވެގެން ދިޔައީ ކޮވިޑް-19ގެ ސަބަބުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ މަސައްކަތްތަކުގެ ތަފްސީލް ވެސް ހިއްސާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް