ފީފާއާއި ޔުއެފާއިން ބާއްވާ ފުޓްބޯޅައިގެ ބައިނަލްއަގުވާމީ ހުރިހާ މުބާރާތްތަކުން ރަޝިޔާ ސަސްޕެންޑްކޮށްފިއެވެ.

ޔޫކްރެއިނަށް ހަމަލާ ދެމުންދާތީ ރަޝިޔާއާ ދެކޮޅަށް އެޅި މިފިޔަވަޅާއި ގުޅިގެން މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގައި ރަޝިޔާއަށް ވާދައެއް ނުކުރެވޭނެއެވެ.

ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާކަން ހާމަކޮށްފައިވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާ އާއި ޔޫރަޕުގެ ފުޓުބޯޅަ ޖަމިއްޔާ ޔުއެފާ އިން މިރޭ ނެރުނު ގުޅިފައިވާ ބަޔާނުގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރަޝިޔާގެ ގައުމީ ފުޓްބޯޅަ ޓީމު ޓީމުތަކާއި ރަޝިޔާ ފުޓްބޯޅަ ކްލަބްތައް ޔުއެފާއާއި ފީފާގެ ހުރިހާ މުބާރާތްތަކަކުން ވަކި ގޮތެއް އަންގަންދެން ސަސްޕެންޑްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިއީ މިފަދަ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ލިބިފައިވާ ފީފާއާއި ޔޫއެފާގެ އެންމެ މަތީ ގުނަންތަކުން ނިންމާފައިވާ ނިންމުމެއްކަމަށްވެސް ބަޔާނުގައިވެއެވެ.

މި ބަޔާނުގައި މުޅި ފުޓްބޯޅަ އާއިލާ އޮތީ ޔޫކްރެއިން ރައްޔިތުންނާއެކުކަން ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ކަޕް ގެއްލުމުގެ އިތުރުން ޔޫރޯ، ޔުރޮޕާ ލީގްއި، އަދި ޗެމްޕިއަންސް ލީގުގައިވެސް ރަޝިޔާއާއި ރަޝިޔާގެ ކްލަބްތަކަށް ވާދައެއް ނުކުރެވޭނެއެވެ. އަދި މި ނިންމުން މިހެން އޮތްނަނަމަ ޖުލައިމަހު އިންގްލެންޑުގައި ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕުގައި ރަޝިޔާގެ އަންހެން ޓީމަށް ވާދައެއް ނުކުރެވޭނެއެވެ.

ރަޝިޔާ އާއި ރަޝިޔާގެ ކްލަބްތައް ސަސްޕެންޑްކުރުމުގެ އިތުރުން ޔޫއެފާއިން ވަނީ ރަޝިޔާގެ ހަކަތައާ ބެހޭ ކުންފުންޏާއެކު ހަދާފައިވާ އަހަރަކު 45 މިލިއަން ޑޮލަރު ލިބޭ އެއްބަސްވުމެއް ވަނީ ނިމުމަކަށް ގެނެސްފައެވެ.

ފީފާއިން ރަޝިޔާއާ ދެކޮޅަށް ފުރަތަމަ އެޅި ފިޔަވަޅަކީ "ރަޝިޔާ"ގެ ބަދަލުގައި "ފުޓްބޯލް ޔޫނިއަން އޮފް ރަޝިޔާ"ގެ ނަމުގައި ރަޝިޔާގެ ޓީމުތަކަށް މުބާރާތްތަކުގައި ވާދަކުރެވޭ ގޮތަށް ބަދަލުކުރުމެވެ. އަދި ރަޝިޔާގެ ހޯމް މެޗުތައް ނިއުޓްރަލް ދަނޑެއްގައި ސަޕޯޓަރުން ނުވައްދައި، ރަޝިޔާގެ ގައުމީ ސަލާމް ނުކުޅެ އެ ގައުމުގެ ދިދަ ވެސް ބޭނުން ނުކޮށް ކުޅޭ ގޮތަށް ހަދަން ފީފާއިން ނިންމިއެވެ.

ނަމަވެސް ފީފާގެ ނިންމުން ބަދަލުކޮށް ހުރިހާ މުބާރާތްތަކުން ރަޝިޔާ ސަސްޕެންޑްކުރަން ނިންމީ ގައުމުތަކުގެ އެސޯސިއޭޝަންތަކުން އެއްވެސް ނަމެއްގައި ރަޝިޔާއާ ދެކޮޅަށް މެޗްތައް ނުކުޅޭނެކަމަށް ބުނުމުންނެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެކި ގޮތްގޮތުން ރަޝިޔާއަށް ދަނީ ފިޔަވަޅު އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް