ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ސިވިލް ޑިފެންސާއި ސަލާމަތީ ރޮނގުން، ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިހެން ވިދާޅުވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީއާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ މާރިޔާވަނީ ޖަޕާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ވޭތުވެދިޔަ ބައިޤަރުނުގެ ތެރޭގައި، ޖަޕާނުން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްޠިޞާދީ ތަރައްޤީގެ ތަފާތު ދާއިރާތައް ކުރިއެރުވުމުގައި ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވަނީ ޖަޕާނު ސަރުކާރަށާއި އެޤައުމުގެ އެކުވެރި، ހިތްހެޔޮ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ސިވިލް ޑިފެންސާއި ސަލާމަތީ ރޮނގުން، ދެޤައުމުގެ މެދުގައި އެއްބާރުލުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވަނީ، ޖަޕާނުން ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާއަށް ހަދިޔާކޮށްފައިވާ ތަފާތު ގިނަ އާލާތްތަކާއި އުޅަނދުތަކާއި ތަމްރީނުގެ ފުރުޞަތުތަކަށްޓަކައި، ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުވުމުގައި، ދެޤައުމުން ގުޅިގެން، ކާރިސާތަކަށާއި ކަނޑުމަތީގެ ހާދިސާތަކަށް އިޖާބަދިނުމާއި، ކަނޑުމަތީގެ ސަލާމަތާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތް ކަށަވަރުކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.

އެމްބެސެޑަރ މިޑޯރީ ވަނީ، ޖަޕާނާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ދެޤައުމުގެ ގުޅުން މިއަށްވުރެ މަތީ ހަރުފަތްތަކަށް ގެންދިޔުމަށް ޖަޕާނުން ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް