ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުނީގެ އަތުން އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

ވިލާ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާސިމާއި ވިލާ ގްރޫޕުން މިގޮތަށް ނިންމީ ކާޑެއްދޫ އެއާޕޯޓަކީ އާންމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީ ކަމަށެވެ.

ވިލާ އެއާ އާއި ކާޑެއްދޫ އެއާޕޯޓް 2013 ވަނަ އަހަރު 50 އަހަރަށް ހަވާލުކޮށްފައިވަނިކޮށް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށް ކާޑެއްދޫ އެއާޕޯޓް އަތުލާފައެވެ.

ރައީސް ޔާމިންގެ ސަރުކާރުން ކާޑެއްދޫ އެއާޕޯޓް ވިލާ އެއާގެ އަތުން އަތުލަން ނިންމި ނިއްމުން ބާތިލްކޮށް އެއާޕޯޓް އަނބުރާ ދޭން 2018 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދުކުރުމުން މި ސަރުކާރުން ވަނީ މިއަދު ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާއި ހަވާލުކޮށްފައެވެ.

ވިލާ އެއާއިން ބުނީ އެއާޕޯޓް އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތައް މި މަސް ނިމެންވާއިރަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެެ. ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް ވިލާ އެއާ އިން ވަނީ އަމާޒު ހިފާފައެވެ.



އެއާޕޯޓާ ހަވާލުވެވަޑައިގަތުމަށް ފަހު ޗެއާމަން ގާސިމް މިއަދު އެ އެއާޕޯޓް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް