ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އުފެއްދެވި ޑީއާރުޕީއަށް ވީގޮތް އެމްޑީޕީއަށްވުން އޮތީ ވަރަށް ގާތުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑަައިގެންނެވި މޫސާ މަނިކު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ދެމެދު ސިޔާސީ ވާދަވެެރިކަން އުފެދި ދެބޭފުޅުންނަށް ތާއިދު ކުރައްވާ މެންބަރުން އެއްބަޔަކު އަނެއް ބަޔަކަށް ފާޑުވިދާޅުވަމުންދާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ ޑީއާރުޕީ އަށްވީގޮތް އެމްޑީޕީއަށްވުން އޮތީ ވަރަށް ގާތުގައި ކަމަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރެއްވި މޫސަ ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ދެ ޕާޓީން ވެރިކަން ހޯދި ރައީސް މައުމޫނާއި ރައީސް ނަޝީދު ހީފުޅު ކުރެއްވީ ޕާޓީ ސިސްޓަމްގައިވެސް އެބޭފުޅުންގެ އާއިލީ ވެރިކަން ދަމަހައްޓަންޖެހޭނެ ކަމަށް ކަމަށެވެ.



"އެމަންޒަރު އެމްޑީޕީ ތެރެއިން ރައްޔިތުންނަށް ފެންނަމުން އެދަނީ،" އެމްޑީޕީގެ އިސްބޭފުޅުންގެ އާއިލީ ނުފޫޒު ޕާޓީ ތެރޭގައި އޮތްކަން ހާމަކުރައްވަމުން މޫސަ ވިދާޅުވިއެވެ.

ރައީސް މައުމޫން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ އެތެރެ ވެސް ބައިބައިވެ ފެކްޝަން އުފެދި އެޕާޓީގެ އިސްބޭފުޅުން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. ޑީއާރުޕީއަށްފަހު ޕީޕީއެމްގެ ނަމުގައި ރައީސް މައުމޫން ޕާޓީއެއް އުފައްދަވައި އެޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި އެންމެފަހުން ޕާޓީވެސް ގެއްލި، އެމަނިކުފާނު ވަނީ މޯލްޑިވިސް ރިފޯމް މޫވްމަންޓްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އެޕާޓީގެ އިސް މަގާމުތަކުގައިވެސް ތިއްބެވީ ރައީސް މައުމޫނުގެ ބޭފުޅުންނާއި އާއިލީ ބޭފުޅުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް