ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށުގައި އިރުގެ އަލިން އުފައްދާ ހަކަތައިން ކަރަންޓް އުފެއްދުމުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެއެެވެ.

ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ މިހެން ވިދާޅުވީ ކ. ހުރާ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ކަރަންޓްގެ 26 އިންސައްތަ ފޯރުކޮށްދޭނީ އިރުގެ އަލިން އުފައްދާ ހަކަތައިން ކަމަށެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގެ އުފެންދުންތެރިކަމުގެ ގާތްގަނޑަކަށް 10 އިންސައްތައާ ގާތަށް ތެޔޮ ގަތުމަށް ޚަރަދު ކުރާ ކަމަށާއި ތެލަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އިތުރަށް ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ފެނަކައާ ގުޅިގެން ފަށާފައިވާ ހޯމް ސޯލާ ޕްރޮގްރާމް ކާމިޔާބު ވަމުންދާތަން ފެންނަމުންދާ ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 1000 ގޭގެ ފުރާޅުގައި ސޯލާ ހަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އިރުގެ އަލި ރާއްޖެއަށް ލިބޭ ކަމަށާއި، އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި، އަގު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުން ކަމަށެވެ. ސަރުކާރުގެ "ނެޓް ޒީރޯ" ޓާގެޓް ހާސިލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި "ހޯމް ސޯލާ" ގާއިމްކުރުން ކަމަށް ވެސް މިނިސްޓަރު ޝައުނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް