ދުނިޔޭގެ ގަދީމީ އާސާރުތައް ޙިމާޔަތްކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫސިޓީ ކޯގަންނު ޤަބުރުސްތާނު ހިމަނައިފިއެވެ.

900 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޯގަންނު ޤަބުރުސްތާނަކީ ދިވެހިރާއްޖޭގައި މިހާރު ފެންނަން އޮތް އެންމެ ބޮޑު، އެންމެ ތާރީޚީ، އަދި އެންމެ ޤަދީމީ ޤަބުރުސްތާނެވެ. އަދި މިއީ މުސްލިމުން ވަޅުލުމަށްޓަކާ ޤަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅާ ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ޤަބުރުސްތާނެވެ.

ދުނިޔޭގެ އާސާރީ 25 ތަނެއް އޮތް މި ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމަނާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ރާއްޖޭގައި ފެންނަންވެސް ހުރި ޤަބުރުސްތާނެވެ. އެގޮތުން 1500 އަށްވުރެ ގިނަ މަހާނަގާ މި ޤަބުރުސްތާނުގައި އެބަހުއްޓެވެ.



ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫ ކޯގަންނު ޤަބުރުސްތާނު ހިމެނިގެން ދިއުމަކީ އައްޑޫ ސިޓީގެ އިތުރުން މުޅި ރާއްޖެއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއްކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

ކޯގަންނު ޤަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނާފައިވާއިރު، އެ ޤަބުރުސްތާނުގައި ހިރިގަލުން ބިނާކޮށްފައިވާ ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައިވެސް ހިމެނޭ މިސްކިތެކެވެ.

ކޯގަންނު ޤަބުރުސްތާނުގައި ފަނޑިޔާރު މިސްކިތުގެ އިތުރުން ދެން ފެންނަންހުރި މިސްކިތްތަކަކީ ކޯގަންނު މިސްކިތާއި، އަތަރާ މިސްކިތާއި، ބޯދާ މިސްކިތެވެ. މީގެއިތުރުން ކޯގަންނު މެދުޒިޔާރަތަކީވެސް މި ޤަބުރުސްތާނުން ފާހަގަކޮށްލެވޭ ތަނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް