އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާއިން ރިޝްވަތު ހިފި ކަމަށް ބުނެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލުމަށްފަހު ކުރީގެ ރައީސް ޔާމިންގެ މައްސަލަ ކޯޓުގައި ކުރިއަށްދާންޖެހޭ ސަބަބެއް ނެތް ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު މަހްލޫފް ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

މަހުލޫފް މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލަ އަކީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި ކޯޓުން ވަނީ އޭނާގެ މައްސަލަ ބޭރުކޮށްލާފައެވެ. އަދި ދައުލަތުން ހުށައެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ހުރި ހެކިތަކެއް ނޫންކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ނިއްމާފައެެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަހުލޫފްގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުގައި ގެންދަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ދިވެހި ރައްޔިތުން ނުދޭކޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވަނީ ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަަލައިގައެެވެ.

ވ. އާރަށު މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައިވެސް ރައީސް ޔާމިންގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަަސް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމިންގެ މައްސަލަ ވަރަށް ސާފު ކަމަށާއި، އެމަނިކުފާނަކީ މައުސޫމް ބޭފުޅެއް ކަމަށެވެ. ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ބުނެ ރައީސް ޔާމިންގެ މައްޗަށް ކުރި ފަސް އަަހަރުގެ ޖަލުގެ ހުކުމް ބާތިލްކޮށް ސްޕްރީމް ކޯޓުން ކުރި ހުކުމާއެކު އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައިގައި ކޯޓަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޯޓަށް ބަލައިގަނެވޭނެ އެއްވެސް މައްސަލައެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ކޯޓުން ކުރިއަށް ގެންދަން ބޭނުންވީމަ ގެންދަވަނީ އެ ހަގީގަތުގައި ސްޕްރީމް ކޯޓުން އެ މުޅި މައްސަލަ ނިއްމެވި ގޮތަށް ބަލާއިރު މިހާރު ހުރި މައްސަލަތައް އޭގެ ޒާތުގައި ކޯޓުން ބޭރުވާންޖެހޭ." ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް