ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިންގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހެދުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ.

ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލި މައްސަލަ ފެންމަތިވީ މިދިޔަ ފެބްރުއަރީމަހުގެ 8 ވަނަ ދުވަހުއެވެ. މިކަމުގެ ރިޕޯޓެއް އެކުލަވާލަން ރައީސް އޮފީހުން އެންގީ މިކަމާއި ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިއުމުންނެވެ.

"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓްރީން ވަނީ ދޫނިތައް މަރައިލި މައްސަލަ ހިނގައިދިޔަ ގޮތުގެ ރިޕޯޓް ރައީސާ ހިއްސާ ކޮށްފައެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިމައްސަލަ ފެންމަތިވުމުން ފިޝަރީޒް މިނިސްޓްރީން އޭރު ބުނީ ދޫނިތައް މަރާލީ ބަންޑާރަ ނައިބު ދެއްވި ލަފަޔާއި އެއްގޮތަށްކަމަށެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދޫނިތައް މަރާލުން ނޫން ގޮތްތައް އެކަމުގައި އޮންނާނެކަމަށެވެ.

މިކަމުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނީ ގަވާއިދާއި ހިލާފަށް އެތެރެކުރާ ދިރޭތަކެތި މަރާލުމުގެ ހުއްދަ ގާނޫނުން ދީފައި އޮތްނަމަވެސް، އެކަންކަން ބަދަލުކުރަންޖެހޭކަމަށެވެ.

މިއީ ރާއްޖޭގައި ދޫނިތަކެއް މަރާލައިގެން މިހާ މައްސަލަ ބޮޑުވި ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް