ހުޅުމާލޭގައި ސައިކަލުން ވެއްޓި ސީރިއަސް އަނިޔާތަކެއްވެ ނިޔާވި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާންގެ ދައުރު ނިމެންދެން 5000 ރުފިޔާގެ އެލަވަންސެއް އާއިލާއަށް ދޭން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެގޮތަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ. އެގޮތުން އިމާނަށް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކޮންމެ މަހަކު ލިބޭ 5،000 ރުފިޔާގެ އުޖޫރަ އޭނާގެ ދައުރު ނިމެންދެން އޭނާގެ އާއިލާއަށް ދިނުމަށް ދިނުމަށް ހުށައެޅި ހުށައެޅުން މާލޭ ސިޓީކައުންސިލުން ވަނީ ފާސްކޮށްފައެެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ވަނީ އެކަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ފާސްކޮށްފައެވެ.

އީމާން އެކްސިޑެންޓުވީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ކުރެދިމާ ހިނގުމުން ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ބަމްޕަރެއްގެ މައްޗަށް އެރި ވަގުތު ކަހާލައިގެން ވެއްޓިގެންނެވެ. އެ އެކްސިޑެންޓްގައި އީމާންގެ ބޮލަށް އަނިޔާވެ އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވީ ޑޮކުޓަރުން އުއްމީދު ކަނޑާލައިފައި އޮއްވައެވެ.

އީމާނަކީ މާލޭ ސިޓީގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލޭ ދާއިރާގެ މެމްބަރެކެެވެ. އުމުރުން 29 އަހަރުގެ އީމާން ނިޔާވިއިރު، އޭނާގެ ހަ އަހަރާއި ހަތް އަހަރުގެ ދެ ކުދިން އެބަތިއްބެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް