ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން
ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން
ކައުންސިލު ތަކުގެ ދައުރު ދިގު ކުރުމަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސްފައިވާއިރު މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންނަށް 5 އަހަރުގެ ދައުރެއް ނުލިބޭނެކަމަށް ބުނާ އިސްތިސްނާއެއް، އެ އިސްލާހުގައި ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ވިދާޅުވެއްޖެއެވެ.

މިހާރު އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. އެކަމާ ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޤާނޫނު އަސާސީ އިސްލާޙު ކުރުމާމެދު ޚިޔާލު ތަފާތުވެފައި ވުމާއެކު، ޤާނޫނު އަސާސީ އަށް ސަރުކާރުން ބޭނުންވާ އިސްލާޙު ގެނެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ޤާނޫނީ ދާއިރާގައި ޙަރަކާތްތެރިވާ އިސް ބޭފުޅުން، އެބޭފުޅުންގެ ރަޢުޔު ހާމަކުރަށްވަމުން ގެންދަވާއިރު ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ވިދާޅުވެފައިވަނީ، މިވަގުތު ރާއްޖޭގައި އޮތީ ޤާނޫނުއަސާސީގެ ދަށުން އިއުލާނު ކުރައްވާފައިވާ ހާލަތެއް ނޫންކަމުގައި ވިއަސް، ޤާނޫނުއަސާސީފަދަ މުހިއްމު އަސާސީ "ޤާނޫނެއް" އިސްލާޙުކުރުމުގެ މަސައްކަތް ކުރުމުގެ މާހައުލެއް އޮތްކަމަކަށް ނުބެލެވޭ ކަމަށެވެ. އުސްތާޛު ފާއިޒް ވިދާޅުވީ އެކަމުގައި ވަރަށް ގިނަ ސަބަބުތަކެއް ހުރި ކަމަށެވެ.

އެގޮތުން އުސްތާޛު ފާއިޒް ވިދާޅުވީ، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން އިންތިޚާބުވެގެން، މަގާމުގައި ތިއްބެވި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރީން، އެ މާއްދާގެ (ނ) އިސްލާހުކޮށް، 3 އަހަރުގެ ބަދަލުގައި މިހާރު ވަނީ 5 އަހަރަށް ބަދަލުކޮށްފައި ކަމަށެވެ.

އެހެން ނަމަވެސް މިފަދަ ގޮތަކަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސްފައިވާއިރު މަގާމުގައި ތިއްބެވި ކައުންސިލަރުންނަށް 5 އަހަރުގެ ދައުރެއް ނުލިބޭނެކަމަށް ބުނާ އިސްތިސްނާއެއް، އެ އިސްލާހުގައި ނެތް ކަމަށް ފާއިޒު ފާހަގަ ކުރެއްވިއެވެ. މިފަދަ ހާލަތްތަކުގައި ރިޢާޔަތްކުރެވިދާނެ ދުސްތޫރީ ޢިލްމުވެރިންގެ ޤާޢީދާތަކެއް ހުންނަކަމަށާއި، އަދި އެ އިސްލާޙާއި ގުޅިގެން މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންނަށް 5 ވަނަ އިސްލާހުގެ ސަބަބުން ފައިދާ ނުކުރަންވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ފާއިޒު ވިދާޅުވިއެވެ.

ދެވަނަ ނަޒަރިއްޔާއެއްގެ ގޮތުން ފާއިޒް ފާހަގަކުރެއްވީ، މިހާރު ތިއްބެވި ކައުންސިލަރުންނަކީ ޤާނޫނުއަސާސީގެ ދަށުން ކަނޑައެޅިފައިވާ މުއްދަތަކަށް އިންތިޚާބު ކުރެވިފައިވާ ބަޔަކަށްވެފައި އެމީހުންގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރީން ޤާނޫނުއަސާސީގެ ދަށުން އާކައުންސިލަރުން އިންތިޚާބު ނުކުރެވިއްޖެނަމަ ދުސްތޫރީ ހުސްކަމަށްދާ ދިއުމެވެ.

ފާއިޒު ވިދާޅުވީ، ދުސްތޫރީ ހުސްކަމާއި، ޤާނޫނީ ހުސްކަމަކީ ވަގުތީ ހާލަތްތަކެއް ކަމަށެވެ. އެފަދަ ވަގުތީ ހާލަތްތަކަށް ދުނިޔޭގެ އެހެންތަންތަނުގައި ހޯދަނީ ޤަޟާއީ ހައްލެއް ކަމަށާއި، ނުވަތަ އިންތިޤާލީ އިންތިޒާމެއްގެ ދަށުން ހައްލު ހޯދާ ކަމަށް އުސްތާޛު ފާއިޒް ވިދާޅުވިއެވެ.

ފާއިޒު ވިދާޅުވީ، ކުރިމަތިވާ ކޮންމެ ކަމެއްގައި ޤާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ދިވެހި ދުސްތޫރީ ޙަޔާތް ދިރާސާ ކުރާއިރު ފެންނަ ޙަޤީޤަތް ކަމަށާއި، ކައިރި މާޒީގައިވެސް އެކަން ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ވަގުތީ ހައްލު ހޯދުމަށް ގާނޫނުއަސާސީއަށް ބަދަލުގެންނަ ކޮންމެފަހަރަކު ދުސްތޫރީ ޙަޔާތަށް ލޮޅުންއަރާކަން ރާއްޖޭގެ ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ފާއިޒު ފާހަގަ ކުރެއްވިއެވެ.

މި ސަބަބުތައް މިހެން ހުރުމުން، މިވަގުތު ރާއްޖޭގައި އޮތީ ޤާނޫނުއަސާސީގެ ދަށުން އިއުލާނު ކުރައްވާފައިވާ ހާލަތެއް ނޫންކަމުގައި ވިއަސް، ޤާނޫނުއަސާސީ އިސްލާޙުކުރުމުގެ މަސައްކަތް ކުރުމުގެ މާހައުލެއް އޮތްކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ފާއިޒު ވިދާޅުވިއެވެ.

ފާއިޒުގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވެސް ވަނީ މިޙާލަތުގައި ޤާނޫނު އަސާސީ އިސްލާޙު ކުރުމުގެ ޟަރޫރަތެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން