ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ހިނގާ ހަނގުރާމަ އެންމެ ބޮޑަށް ކުރިއަށްދާ ޔޫކްރެއިންގެ އިރުމަތީގެ ޚަރްކީވްގައި ތިބި 9 ދިވެހިން އެތަނުން ނުކުމެ، ރައްކާތެރިކަމާއެކު އެ ގައުމުގެ ހުޅަނގުގައި އޮންނަ ލިވީވްއަށް އެތެރެވެފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ 9 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި 6 ދަރިވަރުންނާއި 3 މެމްބަރުން ތިބި އާއިލާއެއްކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ވަގުތެއްގައި ލިވީވްއިން ހަންގޭރީގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާ ގުޅުމަށް މި މީހުން ދަތުރުކުރާނެކަމަށެވެ. އަދި ވީހާވެސް އަމާންކަމާއެކު ހަންގޭރީއަށް އެތެރެވުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހަންގޭރީގެ ފޮރިން މިނިސްޓަރާއެކު މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި 9 މީހުންނަށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދީފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން އެނބުރި ރާއްޖެއަށް އަންނަން 11 ދަރިވަރުން ބޭނުންވެގެން އެދިފައިވާކަމަށާއި އެމީހުންވެސް މާލެ އައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން ގެންދާނެކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން ޔޫކްރެއިންގައި އަސާސީ ތަކެތީގެ އަގުބޮޑުވަމުންދާތީ، އެޤައުމުގައި މިހާރު ތިބި ދިވެހިންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް