ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްޗެއް މަޖިލީހުގެ މެމްބަރުންނަށް އެނގިވަޑައިނުގަތުމަކީ ދެރަކަމެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނާއިބު ރައީސާއި ހަވާލުކުރި ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެނެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނައިބު ރައީސަށް ރައީސްކަމުގެ ހުވާ ލައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރައީސްކަމުން ވަކިކޮށްފައިކަމަށެވެ.

ސައީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ މެމްބަރު ދީދީ ވިދާޅުވީ މަޖިލިސް މެމްބަރަކަށް ގާނޫނުގެ އަސާސީގެ 123 ވަނަ މާއްދާގެ ހ އަދި 126 ވަނަ މާއްދާގައި ލިޔެފައިވާ އެއްޗެއް ނގިވަޑައިނުގަތުން އެއީ ދެރަކަމެއް ކަމަށެވެ. އަދި ދީދީ ވަނީ އެ މާއްދާތައް ހިއްސާ ކުރައްވާފައެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ސާލީހުގެ ރިޔާސީ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވީ، އެދުވަހު ރައީސް ސާލިހު ތައިރޮއިޑް ސާޖަރީއެއް ހައްދަވާތީއެވެ. އަދި ސާޖަރީއަށްފަހު ހަމަ އެ ދުވަހު ރައީސް ސާލިހު ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުންއެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުކަމަށް ގާނޫނުއަސާސީގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް