އަހުމަދު މަސްނޫމް   3 މާރިޗު 2022 - 21:8
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ކެމްޕެއިން ދަތުރެއްގައި މިއަދު އައްޑޫއަށް ވަޑައިގަތުމަށް ހަަމަޖެހިއްޖެއެވެ.

އިންތިއާއި ފައްޔާޒުގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި ކުރިއަށްއޮތް ހަފްތާ ބަންދުގައި އައްޑޫ ސިޓީގައި ކެމްޕެއިންގެ ފޯރި ވަރަށް ގަދަވާނެއެވެ.

އައްޑޫ ސިޓީއަކީ މާލެ ފިޔަވައި އެމްޑީޕީގެ މެމްބަރުން އެންމެ ގިނަ ސަރަޙައްދެވެ.

އިންތިގެ ކެމްޕެއިން ޓީމުން ބުނީ އާދީއްތަ ދުވަހާ ހަމައަށް އައްޑޫގައި ހަރަކާތްތެެރިވާނެކަމަށެވެ. އަދި މިދަތުރުގައި އިންތިގެ އިތުރުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އިންތިގެ ތަރުޖަމާން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

އައްޑޫއަށް ކުރައްވާ ދަތުރުގައި އެ ސިޓީގެ ހުރިހާ ރަށަކަަށް ވަޑައިގެން އެމްޑީޕީގެ އާންމު މެންބަރުންނާ އިންތި ބައްދަލު ކުރައްވާނެއެވެ.

ފައްޔާޒްގެ ކެމްޕެއިން ޓީމުން ބުނީ މިރޭގެ ވަގުތެއްގައި އައްޑުއަށް ފުރާނެ ކަމަށާއި، އަދި އަންނަ އާދީއްތަ ދުވަހާ ހަމައަށް އައްޑޫގައި ކެމްޕެއިނާއި ޑޯޓުޑޯގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި މި ދަތުރުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 16 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން