ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެއްލައްކަ އަށްވުރެން ގިނަ ރުފިޔާގެ މުދާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މާލެއިިން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފިހާރައަކުން ޖަނަވަރީ މަހުގެ އެކި ދުވަސްމަތިން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެއްލައްކަ އަށްވުރެ ގިނަ ރުފިޔާގެ މުދާ ނަގާފައިވާކަމަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މާރިޗް 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައިގައި، ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެ ފިހާރައިން އޭނާ ނެގި ތަކެތީގެ ތެރެއިން އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ. އަދި މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން