ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަޙައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެޗްޑީސީން ބުނީ ‏ހިޔާ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އާންމުންނަށް މާދަމާއިން ފެށިގެން އެ މަގުތައް ބޭނުންކުރެވޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ‏އެކުންފުނީގެ އަމާޒަކީ، މި މަސް ނިމެންވާއިރަށް ޒަރޫރީ ބޭނުންތައް އެ ސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުންކަމަށެވެ.



ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށެވެ. އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށެވެ. ނަމަވެސް އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތާއި ސްކޫލާއި ބަހުގެ ހިދުމަތާއި ފިހާރަތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި ބައެއް ހިދުމަތްތައް މިހާރު ދޭން ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން