އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަ ކުރައްވާ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެސިޓީން އޮތް ބޮޑުތާއިދު ހޫނު ތަރުހީބަކާއެކު ދައްކާލައިފިއެވެ.

އައްޑޫ ސިޓީއަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އޭނާގެ ކެމްޕެއިން ޓީމު ވަޑައިގަތީ މިރޭގެ ވަގުތެެއްގައެވެ. އެމްޑީޕީގެ ބޮޑު ތާއިދެއް އޮންނަ އައްޑޫ ސިޓީއަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ އާންމުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖަމާވެފައެވެ.

ފައްޔާޒުގެ ކެމްޕޭން ދަތުރުގައި އޭނާއާއެކު މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވެސް އައްޑުއަށް ވަޑައިގެންނެވިއެވެ. ފައްޔާޒަށް އައްޑޫ ސިޓީން މަރުހަބާ ވިދާޅުވީ މޭޔަރު އަލީ ނިޒާރެވެެ. ފައްޔާޒަށް މަރުހަބާ ދެންނެވުމަށް ދާއިރާ ތަމްސީލު ކުރައްވާ މަޖިލީސް މެންބަރުންވެސް ވަނީ އައްޑުއަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭންގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައެވެ. އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ފައްޔާޒަށް ތާއިދު ކުރުމަށް ނިންމާފައެވެެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ފައްޔާޒުގެ ކެމްޕޭންގައި ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެެ.

ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ އާންމުންގެ ގިނަ މެމްބަރުން މިހާރު ވަނީ ފައްޔާޒަށް ތާއިދު އޮތް ކަން ހާމަކޮށްފައެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ފައްޔާޒުގެ ކެމްޕެއިން ފެށުމަށް ށ. މިލަންދޫގައި ވަނީ ބޮޑު ޖަލްސާ އެއް ވެސް ބާއްވާފައެވެ.

އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތި އާއި އޭނާގެ ކެމްޕޭން ޓީމު ވެސް އިއްޔެ މެންދުރު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފަައެވެ.

ފައްޔާޒާއި ވާދަކުރައްވާ މެންބަރު އިމްތިޔާޒުގެ ކެމްޕެއިންގައި ބޮޑަށް ބައިވެރިވެވަޑައިގަންނަވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަަފާތެރި މެންބަރުންކަން ފާހަގަކޮށްލެވެއެވެ. އިންތިއާއެކު އައްޑޫ އަށް ވަޑައިގެންނެވި ޓީމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ނާއިބު ރައީސް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން