ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވެ، އެ ކައުންސިލް ތަކުގައި ތިއްބަވާ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ޖެހޭ ކަމަށް ދެކިވަޑައިނުގަނަނާ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަލްއުސްތާޛު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީ އަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޝްހޫރު ޤާނޫނީ ވަކީލް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، ކައުންސިލަރުންގެ ދައުރު ދަންމާލުމަށް އޮތް ހައްލަކީ ސަރުކާރުން އެދުނު ގޮތަށް ޤާނޫނު އަސާސީ އިސްލާޙު ކުރުން ކަމަށާއި، އެ ކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ޖެހޭ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ހައިކޯޓަށް މައްސަލަ ހުށައެޅީ. ހައިކޯޓުން އެބޭފުޅުންނަށް ލަފާދެއްވީ މައްސަލައިގެ ބާވަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމަށް. އެއާއެކު އީސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީމަ އަޅުގަނޑުމެން އެބޭފުޅުންނަށް ދެންނެވީ، ރައްޔިތުންގެ މަޖިލީހުން ތިކަމަށް ޙައްލެއް ހޯދައިދޭނަމޭ، ތިޔަބޭފުޅުން ސުޕްރީމްކޯޓަށް ހުށައަޅާފައިވާ މައްސަލަ އަނބުރާ ނަގާށޭ." މެމްބަރު އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، އެހެން ނަމަވެސް އަނެއްކާވެސް ހުށައަޅާފައި މިއޮތީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭނެ ކަމަށް ކަމަށާއި، އެހެން ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް އެއްބަސް ނުވެވޭ ކޮންމެ ކަމެއްގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ. ޤާނޫނު އަސާސީގައި ބުނަނީ މަޖިލީހުން ނިންމާ ނިންމުންތަކަކީ މެޖޯރިޓީން ނިންމާ ނިންމުންތަކަކަށް ވާންޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލް މަޖިލީހުގައި އޮންނަތާ ދެމަސް ދުވަސް ވެއްޖެ ކަމަށާއި، ނަމަވެސް އެކަމަށް ޙައްލެއް ހޯދައިނުދީ ކައުންސިލަރުންގެ ދައުރު ހަމަވާން ދެތިން ދުވަހަށް ވުމުން މިކަން ސުޕްރީމް ކޯޓުގެ ބޮލަށް ޖެހުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން