މިއަދުން ފެށިގެން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.60ރ. އަށް ކަމަށާއި ޑީސަލް ލިޓަރެއް ވިއްކާނީ 14.80ރ. އަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް އިތުރަށް ހަލުވިވެފައިވާ ކަމަށެވެ.



"އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް" ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

މިއީ މިދިޔަ ތިން ހަފުތާ ތެރޭގައި ތެލުގެ އަގު ބޮޑުވި ދެވަނަ ފަހަރެވެ.

އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމުން ވިއްކާ ތެލުގެ އަގު އެންމެ ފަހުން ބޮޑުކުރީ މިދިޔަ ފެބްރުއަރީ 12 ގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 12.98ރ އަށް ބޮޑުކޮށްފައެވެ. ޑީސަލް ލިޓަރެއްގެ އަގު އޭރު އުފުލުނީ 13.04ރ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން