މާލޭ ހުކުރު މިސްކިތް މަރާމާތުކުުރުމުގެ މަސައްކަތް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނީ ރަމަޟާންމަހަށްފަހު ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

މިނިސްޓްރީން ބުނީ ގިނަ ދުވަސްވުމުގެ ސަބަބުން ހުކުރު މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި އެތަން ރައްކާތެރިކުރަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި ޚާއްސަކޮށް މިސްކިތުގެ އޮނިގަނޑު ނުވަތަ މަތިވަޑާންގަނޑު ވަރަށް ބޮޑަށް ބާރު ދެރަވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިމަސައްކަތް ކުރިއަށްގެންދާނީ އިންޑިއާ ސަރުކާރުގެ މާލީ އަދި ފަންނީ އެހީގައިކަމަށެވެ. ކޯވިޑްގެ ސަބަބުން މިމަސައްކަތް ވަރަށް ބޮޑަަށް ލަސްވިނަމަވެސް، މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ރަމަޟާންމަސް ނިމުމުން ހުކުރު މިސްކިތުގެ މަރާމާތުގެ ކަންކަން ފެށުމަށްކަމަށް މިނިސްޓްރީން ބުނެއެވެ.

ހެރީޓޭޖް މިނިސްޓްރީން ބުނީ ކޮންޒަވޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު މިހާރު ލިބިފައިވާކަމަށާއި، އެގޮތުން އެކަމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ލަކުޑިއާއި ކެމިކަލް އަދި ބޭސް މިހާރު ރާއްޖެގެނެސް ގުދަންކޮށްފައިވާކަމަށެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަށް އިންޑިއާއިން 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ގްރާންޓް އެހީ ފޯރުކޮށްދޭނެއެވެ.

މާލޭ ހުކުރު މިސްކިތް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވަނީ 12 ފެބްރުއަރީ 2008 ގައެވެ.



ކިޔުންތެރިންގެ ހިޔާލު