ރަޝިޔާގެ ވެރިންނާއި އެގައުމުގެ މަހުޖަނުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ފެށުމާއެކު އެ ގައުމުގެ މަހުޖަނުންގެ ޔޮޓްތައް ރާއްޖޭގައި އުޅޭ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދެމުންދާ މައްސަލައަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތްއިރު، ހުޅަނގުގެ ގައުމުތަކުން ދަނީ ރަޝިޔާގެ ވެރިންނާއި މަހުޖަނުންގެ މުދާ ހިފަހައްޓަމުންނެވެ. އަދި އެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ރަޝިޔާގެ މަހުޖަނުން ދަނީ ހުޅަނގުގެ ބާރު ނުފޯރާ ހިސާބުތަކަށް މުދާތައް ބަދަލުކުރަމުންނެވެ.

މިގޮތުން ރާއްޖޭގައިވެސް ރަޝިޔާގެ މަހުޖަނުންގެ ޔޮޓްތައް އުޅޭ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެކަން ދިވެހި ސަރުކާރުން މާބޮޑު މައްސަލައަކަށް ހަދާފައެއް ނުވެއެވެ.

ސަރުކާރުން އެކަމާއި އެއްޗެކޭ ނުބުނެ އޮއްވާ، ބައިނަލްއަގުވާމީ މީޑީއާގެ ސަމާލުކަމަށް އެކަން މިހާރު ވަނީ އައިސްފައެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް އެޖެންސީ ރޮއިޓާސްއިން މިހާރު ވަނީ މިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ.

ރޮއިޓާސްއިން ބުނެފައިވަނީ ރަޝިޔާގެ މަހުޖަނުންނާއި ދެކޮޅަށް ފިޔަވަޅު އަޅަމުންދާއިރު އެމީހުންގެ ޔޮޓްތައް ރާއްޖެ ސަރަހައްދުން ފެންނަމުންދާކަމަށެވެ. އަދި ރާއްޖެއަކީ ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއެއް އެމެރިކާއާއެކު އޮތް ގައުމެއް ނޫންކަންވެސް ރޮއިޓާސްއިން ފާހަގަކޮށްފައިވެއެވެ.



ރޮއިޓާސްއިން މިހަބަރު ގެނެސްދީފައިވާއިރު، އެ ހަބަރަށް ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ފަރާތްތަކުން ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ ރާއްޖެއާ ދެކޮޅަށް ބޮއިކޮޓް ކެމްޕެއިނެއް ހިންގަންޖެހޭކަމަށެވެ. އެހެން ބައެއް މީހުން ބުނެފައިވަނީ ރާއްޖެއާ ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރަޝިޔާގެ މަހުޖަނުންގެ ޔޮޓްތައް ރާއްޖޭގައި އުޅޭ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، މީގެ ދެދުވަސް ކުރިން ޖަރުމަނުން ވަނީ ރަޝިޔާގެ މަހުޖަނެއްގެ ޔޮޓެއް ހިފަހައްޓާފައެވެ. އަދި އެހެން ބައެއް ގައުމުތަކުންވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ އަގުބޮޑު އަދި އެންމެ މަޝްހޫރު އެއް މަންޒިލަށްވާއިރު ރާއްޖެއަކީ ވަކި ގައުމެއްގެ ފަތުރުވެރިއެއް ތަފާތު ކުރުމެއްނެތި މަރުހަބާ ކިޔާ ގައުމަކަށްވާތީ ރާއްޖެއަށް ރަޝިޔާއާއި ޔޫކްރެއިނުންވެސް ގިނަ ދަދެއްގެ ފަތުރުވެރިން މިހާރުވެސް ޒިޔާރަތް ކުރަމުން ދާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު