މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށް މެދުއިރުމަތީގެ މަޝްހޫރު ޕަބްލިކޭޝަންތަކުގެ ލިއުންތެރިންނާއި އެޑިޓަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރު ކުރިއަށް ދާނީ މާރޗް 04 އިން 10 އާ ހަމައަށެވެ.



މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ މެދުއިރުމަތީގެ، ހާއްސަކޮށް ސައުދީގެ މަތީފަންތީގެ ފަރާތްތަކުގެ މެދުގައި މަޤުބޫލު ލައިފްސްޓައިލް ޕަބްލިކޭޝަންތަކުގެ އެޑިޓަރުން އަދި ލިއުންތެރިން ހިމެނޭ ޓީމެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިޒޯޓް އެންޑް ސްޕާ, ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިޒޯޓް އަދި ކުރަމަތި މޯލްޑިވްސްގައެވެ. މި ޓީމުން މި ރިޒޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތަކާއި، ރާއްޖޭގެ ތަފާތު ކަންކަން ތަޖުރިބާކުރުމަށް ފުރުސަތު ލިބޭނެއެވެ.

މި ދަތުރަށް ފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެއެވެ. މި އާޓިކަލްތައް މެދުއިރުމަތީ އެހެން ޤައުމުތަކުގެ އެކި ސެގްމެންޓުތަކުގެ ފަތުރުވެރިން، ހާއްސަކޮށް މަތީ ފަންތި، ފެމިލީ އަދި ހަނީމޫންގެ ބޭނުމަށް ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ހިދުމަތްތަކާ ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ.

މީގެ ސަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފާވަނީ އެމްއެމްޕީއާރުސީއިން މެދުއިރުމަތީގެ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީއަކީ ރާއްޖެގެ ބްރޭންޑުގެ މައުލޫމަތު މެދުއިރުމަތީގެ ފަތުރުވެރިންނަށް ފޯރުކޮށްދީ، ފަތުރުވެރިކަމުގެ ތަފާތު ސެގްމެންޓުތައް މެދުއިރުމަތީގެ މާކެޓަށް އިޝްތިހާރުކުރުމަށް ބައްޓަންކޮށްފައިވާ ސްޓްރެޓަޖީއެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ޓްރިޕްގެ ސަބަބުން ސައުދީ އަދި މެދުއިރުމަތީ މާކެޓްގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމަތާއި، ޓްރެވަލް ގައިޑްލައިންތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މިގޮތުން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، މިތަންތަނުގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ. މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ.

މިއަހަރުގެ ޖަނަވަރީ މަހާ ހަމައަށް ހަމައަށް ރާއްޖެއަށް މެދުއިރުމަތިން ވަނީ 5،103 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި މުއްދަތުގައި ސައުދީއިން ރާއްޖެއަށް 3,189 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2021 ވަނަ އަހަރު ސައުދީއަކީ ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި ޤައުމެވެ. ސައުދީ އަދި މެދުއިރުމަތީ މާކެޓްގައި ރާއްޖެގެ މަޤުބޫލުކަން ދެމެހައްޓާ، އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަށް ހިންގަމުންނެވެ. މިގޮތުން ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި، ފެއަރ އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، ރޯޑްޝޯ، ވެބިނާ އަދި ފޭމް ޓްރިޕްތައް ވަނީ ހިންގާފައެވެ. 2022 ވަނަ އަހަރަށް މި މާކެޓުގެ ޤައުމުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި އެރަބިއަން ޓްރެވަލް މާކެޓް، އައިއެލްޓީއެމް އެރަބިއާ، ރިޔާދް ޓްރެވަލް ފެއަރ ގައި ބައިވެރިވުމާއި ދުބާއީގައި މޯލްޑިވްސް ރޯޑްޝޯ ބޭއްވުމާއި، ފޭމް ޓްރިޕް އިންތިޒާމްކުރުމުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ހިންގުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން