އެމްޑަބްލިޔުއެސްސީގެ ޗެއަރމަން އަޙްމަދު މައުސޫމާއި މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު
އެމްޑަބްލިޔުއެސްސީގެ ޗެއަރމަން އަޙްމަދު މައުސޫމާއި މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު
ނ. އަތޮޅުގެ އެކި ރަށްރަށުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމަށް އެކުންފުނީގެ ޗެއަރމަން އަޙްމަދު މައުސޫމާއި މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު އެއަތޮޅަށް ވަޑައިގަންނަވައިފިއެވެ.

އެމްޑަބްލިޔުއެސްސީގެ ޗެއަރމަން އަޙްމަދު މައުސޫމާއި މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ނ. އަތޮޅަށް ކުރައްވާ ދަތުުރުފުޅުގައި ވަނީ އެއަތޮޅު ކުޑަފަރީ، މާޅެންދޫ، ފޮއްދޫ، ހެނބަދޫ އަދި މާފަރަށް ވަޑައިގެން އެރަށްރަށުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ކުޑަފަރީއާއި މާޅެންދޫއަށް ކުރެއްވި ޒިޔާރަތުގައި ޗެއަރމަން މައުސޫމާއި އެމްޑީ ޝާހު ވަނީ އެރަށްރަށުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މާޅެންދޫ ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 7.6 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި, ސީ އައުޓްފޯލް ޤާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.



މާޅެންދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގެ 8.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައިކަމަށް އެކުންފުނިން ބުނެއެވެ.



ނ. ފޮއްދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 4.76 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް އެމް ޑަބްލިޔު އެސް ސީން ހާމަކޮށްފައިވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައިނެޓްވޯކް ޤާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. މީގެއިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.



އެމްޑަބްލިޔުއެސްސީން ބުނީ ނ. ހެނބަދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި ފެނުގެ މައި ނެޓްވޯރކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްކަމަށެވެ. އެ މަސައްކަތްތަކުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށާއި މިއާއިއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.



ނ. މާފަރަށް ކުރެއްވި ޒިޔާރަތުގައި ޗެއަރމަން މައުސޫމާއި އެމްޑީ ޝާހު ވަނީ އެރަށުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މި މަސައްކަތުގައި ފެނާއި ނަރުދަމާގެ ވިއުގަ ޤާއިމުކުރުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، ނަރުދަމާ ޕަމްޕް ސްޓޭޝަން ބެހެއްޓުމާއި، ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.



ސަރުކާރާއި އެމްޑަބްލިޔުއެސްސީއާ ދެމެދު އެކުލަވާލެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ހިންގާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މަޝްރޫއުތަކުން ތިންހާހަށްވުރެ ގިނަ ގެތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން