އަހުމަދު މަސްނޫމް   7 މާރިޗު 2022 - 14:43
މިއަހަރުގެ ފެބުރުއަރީމަހަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ކައިވެނި ކުރެވުނު އެއް މަސްކަމަށް ފެމެލީ ކޯޓުން ހާމަކޮށްފިއެވެ.

ފެމެލީ ކޯޓުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ފެމެލީ ކޯޓުގައި ވަނީ 253 ކައިވެންޏެއް ކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީމަހު އެކޯޓުގައި 253 ކައިވެނި ކޮށްފައިވާއިރު ފެބްރުއަރީމަހު ކުރެވުނު ވަރީގެ އަދަދު އުޅެނީ 181 ގައެވެ.

ފެމެލީ ކޯޓުން ބުނީ އާއިލީ މައްސަލަތައް ހައްލު ކުރުމާއިބެހޭ ބައިން މިދިޔަމަހު 25 މައްސަލައެއް ނިންމިކަމަށެވެ. އަދި ކުދިންނާއި ގުޅުންހުރި 7 މައްސަލައަކާއި، ކުދިންގެ ޤާނޫނީ ބެލެނެވެރިކަން ކުރާނެ ފަރާތާއި ހަވާލުކުރި 3 މައްސަލައަކާއި، ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ 3 އަމުރެއްވެސް ވަނީ ނެރެފައެވެ. އަދި ކުޑަކުދިންނާއި ގުޅުންހުރި ޚަޟާނަތުގެ މައްސަލައެއްވެސް ނިންމާފައިވާކަމަށް ކޯޓުން ބުނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ނިންމި އާއިލީ އެހެނިހެން މައްސަލަތަކަށް ބަލާއިރު ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން 45 މައްސަލައެއް ވަނީ ނިންމާފައެވެ. ނިންމި މައްސަލަތަކުގެ ތެރޭގައި މަރު ސާބިތު ކުރުމުގެ 9 މައްސަލައަކާއި، ހުކުމް ތަންފީޒު ކުރުމުގެ 20 މައްސަލައެއްވެސް ހިމެނެއެވެ. އަދި އެކޯޓުން ވަނީ މިދިޔަމަހު ޚަރަދާއި ގުޅުންހުރި 12 މައްސަލައެއްވެސް ނިންމާފައެވެ.

މިދިޔަމަހު ފެމެލީ ކޯޓަށް ހުށައެޅި މައްސަލަ ތަކުގެ ތެރޭގައި ވަރިއާއި ގުޅުންހުރި 229 މައްސަލައެއް ހިމެނޭއިރު، އޭގެތެރޭގައި ވަރިވުމަށް ހުށަހެޅި 101 މައްސަލައަކާއި، ވަރި ކުރުމަށް ހުށަހެޅި 22 މައްސަލައަކާއި، ވަރި ސާބިތު ކުރުމަށް ހުށަހެޅި 51 މައްސަލަ ހިމެނެއެވެ.

ފެމެލީ ކޯޓުން ބަލާ މައްސަލަތަކާއި ނިންމާ މައްސަލަތައް ކޮންމެ މަހަކު އާންމު ކުރުމަށް ނިންމާފައިވާއިރު، މިނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ފެބްރުއަރީމަހު ގިނަ އަދަދަކަށް ކައިވެނިކޮށްފައިވާއިރު 22/2/22ގެ ރީތި ތާރީހުގައިވެސް ވަނީ ޖުމްލަ 87 ކައިވެނިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު