އޭނާގެ މައްޗަށް ކުށެއް ސާބިތު ނުކުރެވުނު ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރިޔާސީ ކެމްޕޭން އަލުން ފަށްޓަވައިފިއެވެެ.

އުމަރުގެ މައްޗަށް ދަޢުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލައެއް ފޮނުވުމާ ގުޅިގެން އޭނާ ވަނީ ރިޔާސީ ކެމްޕޭން ވަގުތީ ގޮތުން މެދުކަނޑާލައްވާފައެެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ އޭސީސީން ޕީޖީއަށް ފޮނުވި މައްސަލައާ ގުޅިގެން ދައުލަތަށް އިޙުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް އޭނާގެ ރިޔާސީ ކެމްޕޭނު މެދުކަނޑުއްވައި ލައްވައި ކުށް ސާބިތުކުރުމަށް ތިން މަސް ދުވަސް ދައުލަތަށް އެރުވި ކަމަށެވެ.

ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް ދައުލަތަށް އޭނާގެ މައްޗަށް ކުށެއް ސާބިތުކޮށް ދެވިފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"އެހެން ކަމުން މިއަދުން ފެށިގެން އަޅުގަނޑުގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފިން." އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރެއްވި އުމަރު ވިދާޅުވި އެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އެމްއެމްޕީއާރްސީއާއި މިނިވަން 50 އާއި އޭނާ ވަޒީރު ކަމުގައި ހަވާލުވެ ހުންނެވި ހަތް އިދާރާ ހަތް އަހަރުވަންދެން ހާވާ ބަލައިގެން ސާބިތުވީ 'ހުދު ވަލު'ގެ ހުދުކަން ކަމަށެވެ.

އުމަރުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި، ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކުރީ އޭނާއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލައެެއްގައެވެ. އޭސީސީން ވަނީ އެމައްސަލައިގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުމަރު ނަސީރުގެ މައްޗަށް އުފުލުމަށް ޕީޖީ އޮފީހުގައި އެދިފައެވެ. ނަމަވެސް އޭގެ ފަހުން އެމައްސަލައެއް ވީގޮތެއް ނޭނގެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އުމަރު ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެެ.



ކިޔުންތެރިންގެ ހިޔާލު