29 ވަނަ އެޕިސޯޑް

==========

[ޒޭންއަކީ ރަށުގައި ހުއްޓަސް މަޖަލުގައި ބައިވެރިވާ މީހެއް ނޫން. ހަވީރު ބުރުޖެހުމާ ކަންތައް ވަރަށް އޮވޭ. މާލޭގައިވެސް އެފޯރި އޮވެއެއްނު...އަދި މިއަދު ރޯދަ ވީއްލަން ހަދާ އެއްޗެއް ނޭނގެ...މަންމަ އެދިޔައީ ބަދިގެފަރާތަށް.] ޒޭނާއަށް މިހެން ބުނެވުނު ވަގުތު ޒާހިދާ އެތަނަށް އައިސް ހުއްޓުނެވެ.

[ހައިޝަމް މިއަދު ރޯދަ ވީއްލަން މިގެއަށް އަންނަންވީނު.] އެތަނަށް އައިސް ހުއްޓެމުން ޒާހިދާ އެދުނެވެ.

[އެންމެ ރަނގަޅު...އަނެއްކާ ޒޭން ރުހޭތަ އަހަރެން އަންނަން.] ޒާހިދާ ބަދިގެފަރާތަށް ހިނގައިގަތީމާ، ހައިޝަމް ޒޭނާގެ މޫނަށް ބަލައިލިއެވެ. ޒޭނާ އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލަމުން އިސް ޖަހާލައިފިއެވެ.

ޒޭނާގެ ފޯނު ރިންގުވާން ފެށީ އެވަގުތެވެ. ގުޅަނީ ނާއިލެވެ. ޒޭނާ ފޯނު ބިޒީކޮށްލިއެވެ. ތަކުރާރުކޮށް އެތައްފަހަރަކު ނާއިލް ގުޅީމާވެސް ޒޭނާ ޢަމަލުކުރީ ހަމަ އެގޮތަށެވެ.

ވުމާއެކު، ނާއިލް ނިންމީ ސީދާ ޒޭނާ އުޅޭ ގެޔަށް ދިޔުމަށެވެ.

ނާއިލްގެ ކާރު، ބާރު ދުވެލީގައި ދުއްވާފައި އައިސް އެގޭގެ ދޮރުމައްޗަށް މަޑުކުރިއިރުވެސް ހައިޝަމާއި ޒޭނާ ސިޓިންގރޫމްގައި ވާހަކަ ދައްކަން ތިއްބެވެ.

[ރޯދަވީއްލަން އަންނައްޗޭ....] ހައިޝަމް ދާން ހިނގައިގަތް ވަގުތު ޒޭނާ ބުންޏެވެ. އެއީ ނާއިލް އައިސް އެގޭ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. ކުއްލިއަކަށް ނާއިލް ހުއްޓާ ފެނުމުން، ޒޭނާގެ ދެލޯ ބޮޑުވިއެވެ. އެވަގުތު އެތަނުގައި އިތުރަށް މަޑުކުރުމެއްނެތި ހައިޝަމް ނުކުމެގެން ދިޔައީއެވެ.

ޙަޤީޤަތުގައި ޒޭނާ އެހެން ފިރިހެނަކާ ވާހަކަ ދައްކާ މަންޒަރު ފެނުމަކީ، ނާއިލަށް ބަލަން ކުޅަދާނަވާނޭ މަންޒަރެއް ނޫނެވެ. އެމަންޒަރު ފެނުމުން އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކޮށްފިއެވެ. ބަސް ހުއްޓިފައި ބުނާނޭ އެއްޗެއް ނޭނގިފައި، އޭނާއަށް އެތައްއިރެއް ވަންދެން ހުރެވުނެވެ.

އޭނާ ޒޭނާ ގާތު ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުމެވެ. ނަމަވެސް، އޭނާއަކަށް ހިތްވަރެއް ނުލިބުނެވެ. މާޔޫސީ އަސަރުގައި ޒޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިހާރު ނާއިލްގެ ލޮލުގައި ވަނީ ޖަޒުބާތީ ކަރުނަތަކެވެ. އެކަރުނައިގެ ތިކިތައް ފޭދިގެން ނުދިޔަ ކަމުގައިވިޔަސް، ދެލޯވަނީ ކަރުނުން ފުރިފައެވެ. އެކަން އޭނާގެ މޫނަށް ބަލައިލިނަމަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

[ޒެ...ޒޭނާ...ނޭނގުމެއްގެ ތެރޭގައި ކުރެވުނު އެންމެ ކުށެއްގެ އަދަބު ދުނިޔެ ޢުމުރަށް އަހަންނަށް ތިދެނީ...ކީއްވެގެން...ކުރިން ޒޭނާ ލޯތްބޭ ކިޔައިގެން ދެއްކި ވާހަކަތަކަކީ...ކޮބާ....] ނާއިލަކީ ހަރުދަނާ ޑޮކްޓަރެއް ކަމުގައިވިޔަސް، މިހާރު އޭނާގެ ކިބަޔަކު އެސިފައެއް ނެތެވެ. އޭނާގެ ލޮލުން މިހާރު އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަން ފަށައިފިއެވެ.

އިސާހިތު ޒޭނާއަށްވެސް ރޮވިއްޖެއެވެ. ރޮވެން ފެށުމާއެކު، ޒޭނާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އެތެރެއިން ތަންޑު އަޅުވައިފިއެވެ. ޒޭނާގެ ފަހަތުން ކުރިއަށްދާނޭ ހިތްވަރެއް ނާއިލަކަށް ނުލިބުނެވެ. އޭނާ ފަސްއެނބުރި ބަލަމުން ބޭރަށް ނުކުމެއްޖެއެވެ.

އޭނާ ގެއަށް ގޮސް ހުރިހާ ރުޅިއެއް ބޭލީ ޢައިޝާއަށެވެ. އޭނާގެ ލޯތްބަށް އައި ހުރަހަކީ ޢައިޝާ ކަމަށް އޭނާ ފުރަތަމަފަހަރަށް ޢައިޝާއާ ދިމާއަށް ބުނީ އެދުވަހުއެވެ.

[އަހަރެންގެ ކޮން ކުށެއްތަ އޮތީ...ދެފަރާތް ގުޅިގެން ކުރި ކަމެއްގެ ސަބަބުން. ކައިވެންޏާ ހަމައަށް ގުޅުން ދަތުރުކުރީ، އެކަމުގައި އަހަރެންގެ ކުށަކީ ކޮބާ....ނާއިލްދެކެ އަހަރެން ލޯބިވުމަކީވެސް ކުށެއް. ލޯތްބަށްޓަކައި ވަކާލާތު ކުރާ މީހަކު، އަނެކެއްގެ ލޯތްބަށް އިޙްތިރާމް ނުކުރަނީ ކީއްވެތަ؟] ޢައިޝާގެ ދެލޯ ފެންކަޅިވިއެވެ.

[ތިވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ އުފަލަށް ޢައިޝާ އެދޭ ކަމަށްވާނަމަ، އަހަރެންގެ ދިރިއުޅުމުން ދުރަށްދާން މަސައްކަތް ކުރޭ. އިތުރަށް މިހިތްދަތިކަން ބަރުދާސްތު ކުރާހާ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތް...ބުނެބަލަ ޢައިޝާ، މިދިރިއުޅުމުން ޢައިޝާއަށް އޮތީ ކޮން އުފަލެއްތަ. ޢައިޝާގެ ސަބަބުން އެހެން ދެމީހެއްގެ ދިރިއުޅުން ހަލާކުވުން ނޫން އެއްވެސް ކަމެއް އެބަވޭތަ؟] ނާއިލް، އޭނާގެ ލޮލުގައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލައިފިއެވެ.

އެދުވަސް ވެގެންދިޔައީ ނާއިލްގެ ޙަޔާތުގައި އެންމެބޮޑު ހިތްދަތި ކަމެއް ލިބުނު ދުވަހަށެވެ. އެދުވަހުގެ އިރުއޮއްސުނު ވަގުތު ޒޭނާމެން އުޅޭ ގޭގެ ދޮރުމަތީގައި ހައިޝަމް އެގެއަށް ވަންނަ މަންޒަރު ބަލަން ނާއިލް ހުއްޓެވެ. އެދުވަހު އޭނާ އެންމެ ބޮޑަށް ހިތްދަތިވީ، ޒޭނާއަށް އޭނާ ބޭރުގައި ހުރި މަންޒަރު ފެނުމުންވެސް ރޯދަ ވީއްލަން އަންނާށޭވެސް އޭނާގާތު ނުބުނީމައެވެ.

ނަޞީބު ދިމާކުރިގޮތުން، އެގެއާ ވަރަށް ކައިރީގައި މިސްކިތެއް ހުރުމާއެކު، ބަންގީގެ އަޑާއެކު ނާއިލް ހިނގާލާފައި ގޮސް މިސްކިތަށް ވަނެވެ. މިސްކިތުން ކަދުރުކޮޅަކުން ރޯދަ ވީއްލުމަށްފަހު ނަމާދުކޮށްލައިގެން އަނެއްކާވެސް އޭނާ ގޮސް ޒޭނާގެ ގޭގެ ކުރިމަތީގައި ޕާކް ކޮށްފައވާ ކާރަށް އަރާ ޖައްސާލިއެވެ.

ކާރުތެރޭގައި އިންނައިރު ކޮންމެވެސް ވަރަކަށް އެގޭތެރޭގައި ހިނގާ ކަންތައްތައް އޭނާއަށް ފެނޭމެއެވެ.

ދެތިންފަހަރު އޭނާ ޒޭނާއަށް ގުޅާލިވެސްމެއެވެ. ނަމަވެސް ޒޭނާ ފޯނެއް ނުނަގައެވެ. ލޯބީގެ ތަފާތު ޢިބާރާތުން ލިޔެ ދެތިން މެސެޖްވެސް ކޮށްފިއެވެ. ނަމަވެސް، އެއްވެސް މެސެޖަކަށް ޖަވާބެއް ނުލިބެއެވެ.

މަންމަ ނާޒިމާ ގުޅީ ރޯދަވީއްލައިގެން ކާގަޑި ފާއިތުވެދިޔައިރުވެސް ނާއިލް ގެއަށް ނައީމައެވެ.

[ދަރިފުޅާ ނާއިލް...ކޮންތާކު ތިއުޅެނީ. ރޯދަ ވީއްލައިފިންތަ؟ ބައްޕަވެސް މިސްކިތުން އައިސް ކާން ފަށައިފި. އަވަހަށް އައިސްބަލަ.] ނާޒިމާ ބުންޏެވެ.

[އަހަރެން މިސްކިތުން ރޯދަވީއްލީ...މިވަގުތު މަގުމަތީގައި މިއުޅެނީ...އިރުކޮޅަކުން ދާނަން. އެކަމަކު އަހަރެން ނުކާނަން.....ކާހިތެއްނެތް...މިވަގުތަކު.....] މިހެން ބުނެފައި ނާއިލް ފޯން ބާއްވައިފިއެވެ.

ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރި ކަމުގައިވިޔަސް، ޒޭނާއަށްވެސް ދޭތެރެދޭތެރެއިން ނާއިލްގެ ކާރާ ދިމާއަށް ބަލައިލެވެއެވެ. ނާއިލްގެ ގާތަށް ދިޔުމަށް ހިތްއެދި ކިތަންމެ ވަރަކަށްވެސް ގޮވަމުންދޭމެއެވެ. ނަމަވެސް، އޭނާ ގަދަކަމުން ހިތްވަރު ކުރެވޭތޯ މަސައްކަތް ކުރަމުން ދަނީއެވެ.

ރޯދަ ވީއްލައިގެން ހައިޝަމް އެގެއިން ނުކުތުމާއެކު، ޒޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. ހަމައެއާއެކު، އޭނާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ގިސްލަ ގިސްލާ ރޮވެން ފަށައިފިއެވެ. ޒޭނާގެ ފަހަތުން މަންމަ ޒާހިދާވެސް ކޮޓަރިއަށް ވަދެއްޖެއެވެ.

[ދަރިފުޅާ ކާންވީމާ...ކިހިނެއްވީ ކުއްލިއަކަށް؟ މަންމަ ގާތު ބުނެބަލަ.] ދަރިފުޅުގެ ބޮލުގައި ޒާހިދާ ފިރުމާލަދެމުން ވާހަކަ ދެއްކިއެވެ.

[މަންމާ...އަހަންނަކަށް ނުކެވޭނެ. ހައިޝަމްގެ ނިޔަތާއި ފިކުރު އެނގިހުރެ، އޭނާއަށް ޚިދްމަތްދޭން އަހަރެން ހުރީ ހާދަ ހިތްވަރެއްކޮށްގެނޭ. އެހުރިހާ މަންޒަރެއް ބަލަން ދޮރުމަތީގައި ނާއިލް ހުއްޓޭ....ރޯދަވެސް ނުވީއްލާ....އަދިވެސް ނާއިލް އެބައިން...ކާރުތެރޭގައި އިނދެ، އެތައްފަހަރަކު ގުޅަންވެސް ގުޅި. މެސެޖްވެސް އެބަކުރޭ. މަންމާ، ނާއިލް ދެން މިރޭ އެއްވެސް އެއްޗެއް ނުކާނެކަންނޭނގެ...ނާއިލަށް ކޮންމެވެސް އެއްޗެއްދީބަލަ....] ޒޭނާ ރޮމުން ގިސްލަމުން ވާހަކަ ދެއްކިއެވެ.

[ނާއިލް ބޭރުގައި ހުރީތަ!؟] ޒާހިދާ ހިސާބަކަށް ޙައިރާންވިއެވެ.

[މަންމާ...ނާއިލް އެހެން ހުއްޓާ...އަހަންނަކަށް އެއްވެސް އެއްޗެއް ނުކެވޭނެ....] ޒޭނާ މިހެން ބުނީމާ، ޒާހިދާ ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ. ކާރުގެ ހުންގާނުގައި ބޯއަޅާލައިގެން ނާއިލަށް އޮތީ ނިދިފައެވެ. އެމަންޒަރު ފެނުމުން، ޚުދު ޒާހިދާވެސް ދެރަވެއްޖެއެވެ. އޭރު ކޮޓަރިން ނުކުމެގެން އައިސް ޒޭނާވެސް ކުޑަދޮރުން ބޭރު ބަލަނީއެވެ.

ދެން ފެނުނީ ޒޭނާ މަޑުމަޑުން ބޭރަށް ނުކުންނަން ހިނގައިގަތް މަންޒަރެވެ. ޒާހިދާ އެވަގުތަކު ދަރިފުޅު ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ.

ޒޭނާ މަޑުމަޑުން ގޮސް ކާރު ކައިރިއަށް ހުއްޓި، ކާރުގެ ދޮރު ހުޅުވާލިއެވެ. އެއާއެކު ހުންގާނުން ނާއިލް ކައްސާލިއެވެ.

ބޭއިޚްތިޔާރުގައި ޒޭނާއަށް ނާއިލްގެ ހަށިގަނޑުގައި ހިފެހެއްޓުނެވެ. ނާއިލަށް ހޭލެވުނީ އެހާ ހިސާބުންނެވެ. ޙައިރާންކަމާއެކު އުފާވެރި އިޙްސާސަކާއެކު އޭނާގެ ނަޒަރު ހުއްޓުނީ ޒޭނާގެ ލޮލަށެވެ. އޭރު ޒޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުންދޭމެއެވެ.

ނާއިލަށް ހޭލެވުމާއެކު، ޒޭނާ ތެޅިގެންފައި ދުރަށް ޖެހިލައިފިއެވެ. ނަމަވެސް، އޭރު ނާއިލް ހުރީ ޒޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ.

އެވަގުތު އޭނާގެ މަންމަ ޒާހިދާ ތަބަކަށް ދެތިން ވައްތަރެއްގެ ހެދިކާއާއި ޖޫސް ތަށްޓެއް ލައިގެން ގެނެސް، ޒޭނާގެ އަތަށް ދީފިއެވެ. ޒޭނާ ޖޫސްތަށި ނަގާފައި ފުރަތަމަ ނާއިލާ ދިމާއަށް ދިއްކުރިއެވެ. ނާއިލް ޒޭނާގެ ލޮލަށް ބަލަން އިނދެފައި ޖޫސްތަށީގައި ހިފައިފިއެވެ. އެއަށްފަހު އޭނާ ޖޫސްތަށި ބޯން ފެށިއެވެ. އަދި ދެތިން ހެދިކާވެސް އޭނާ ކައިފިއެވެ.

[ނިމިގެންދިޔަ ހަމަސްތެރޭ މިހާ ހިތްހަމަޖެހުމާއެކު އެއްވެސް އެއްޗެއް އަދި ނުކެވޭ.] ޖޫސްތަށި ހުސްކޮށްލަމުން ނާއިލް މަޑުމަޑުން ވާހަކަ ދެއްކިއެވެ. ޒޭނާ ހުސްތަށި ހިފައިގެން އެތަނުން ހިނގައިގަތެވެ. އެހިނދު ނާއިލް ޒޭނާއަށް ގޮވާލިއެވެ.

[ޒޭނާ...މަޑުކޮށްބަލަ ޒޭނާ.....] ނަމަވެސް ޒޭނާ އިތުރަކަށް އެންމެ ހިނދުކޮޅަކަށްވެސް އެތާކު މަޑެއް ނުކުރެއެވެ. އޭނާ އެދިޔަގޮތަށް ގޮސް އެތެރެއަށް ވަދެއްޖެއެވެ.

އޭގެފަހުންވެސް ބައިގަޑިއެއްހާއިރު ވަންދެން ނާއިލް އެގޭ ދޮރުމަތީގައި ހުއްޓެވެ. އޭނާ ގެއަށް ދިޔައީ މަންމަ ތަކުރާރުކޮށް ގުޅަން ފެށީމައެވެ.

އޭނާ ގެއަށް ވަންއިރު ނާޒިމާއާއި ޢައިޝާ، އޭނާގެ އިންތިޒާރުގައި ތިއްބެވެ.

[ނާއިލް ހިނގާ ކާން...] ނާއިލް ވަނުމާއެކު ޢައިޝާ ބުންޏެވެ.

[އަހަރެން..ކާހިތެއްނެތް...ފަހުން ކާނީ...ވަރަށް ވަރުބަލިވެފައި މިހުރީ.....ކުޑަކޮށް ނިދާލާފަ ތެދުވެ ކާނީ....] ނާއިލް ގޮސް ކޮޓަރިއަށް ވަނެވެ.

[ދަރިފުޅު އެއްވެސްތާކުން ކެއީތަ؟ ރޯދަ ވީއްލާފައި ނުކައި ހުންނާކަށް ނުވާނެ. ކޮންމެވެސް އެއްޗެއް ކައިގެން އޮށޯންނަން އާދޭ. ސޫޖީވެސް ތައްޔާރުކޮށްފައި އެބަހުރި.] މަންމަ ނާޒިމާ ނާއިލް ހުއްޓުވިއެވެ.

ހުއްޓުނު ކަމުގައިވިޔަސް ކާކަށް އޭނާ އެއްބަހެއް ނުވިއެވެ.

[ރައްޓެއްސަކާއެކު އެގެއިން ކުޑަގޮތެއް ހަދާލައިގެން މިހުރީ. އިތުރަކަށް ކާހިތެއްނުވޭ...މަންމަ ކަންބޮޑުނުވެބަލަ. އިރާދަކުރެއްވިއްޔާ، އަހަރެން ނުކައި ހުރެ ބަނޑަކަށް މަރެއްނުވާނެ.] ނާއިލް މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ކޮޓަރިއަށް ވަދެ އޭނާ ގުޅީ ޒޭނާއަށެވެ. ނަމަވެސް، ތަކުރާރުކޮށް ގުޅާގުޅާވެސް އޭނާ ފޯނެއް ނުނެގިއެވެ.

އެވަގުތު ނާއިލްގެ ފަހަތުން އައިސް ޢައިޝާވެސް ކޮޓަރިއަށް ވަނެވެ.

[ނާއިލް...ދެން ތިވިސްނާ ވިސްނުން ދޫކޮށްލާފައި، އަހަރެމެންގެ މިދިރިއުޅުމައިގެން ކުރިއަށްދާން ވިސްނަބަލަ....ހުރިހާ ކަމެއްވެސް ޙައްލުވެދާނެ. އަހަރެމެން ކުއްޖަކު ހޯދީމާ...އޭރުން ތިސުންޕާ އަންހެނާގެ މަތިންވެސް ހަނދާންނެތިދާނެ.] ޢައިޝާ ނާއިލްގެ ކުރިމައްޗަށް ހުއްޓުނެވެ.

[ޚަބަރުދާރު..ޢައިޝާ! އަހަރެންގެ ޙަޔާތަށް އައިސްފައިވާ ސުންޕާ އަންހެނަކީ ތިޔައީ. ޢައިޝާގެ ސަބަބުން އަހަރެންގެ އުފާވެރި ދިރިއުޅުން މިދަނީ ހަފުސްވަމުން. މީގެފަހުން ޒޭނާއާ ދިމާއަށް ތިކަހަލަ އެއްޗެކޭ ނުކިޔާތި. އެއީ އަހަރެންގެ އެތެރެހަށީގައިވާ ހިތުގެ ވިންދު...ހިތުގެ ރޫޙް.....] ނާއިލްގެ ޖުމްލަތަކުން ޢައިޝާއަށް ނިކަން ފުސް އަސަރުތަކެއް ކޮށްފިއެވެ. އިސާހިތު އޭނާގެ ދެލޮލުން ކަރުނަ ހިލިގެންފިއެވެ.

[އަހަންނަކީ...ނާއިލްގެ ޙަލާލު އަނބިމީހާ....މިއަދު އަހަރެން މިވީ ސުންޕާ އަންހެނަކަށް. އަހަންނަށް ކުރެވުނު ކުށަކީ ކޮބައިކަމެއް އަހަންނަކަށް ނުވިސްނޭ. މިހިތްދަތި ކަމުގައި ބަރުދާސްތު ކުރަމުން މިދަނީ މިނޫން ދުވަހެއް ފެނިދާނެ ކަމަށް. އެކަމަކު އެއްވެސް އުފަލެއް ނެތް. ލިބެމުންދަނީ ވޭނާއި ހިތްދަތިކަން.] ޢައިޝާ ރޮމުން ގިސްލަމުން ކޮޓަރިން ނުކުމެއްޖެއެވެ. ނާއިލް އަޅާވެސްނުލާ ހުރީއެވެ.

ޢައިޝާ ނުކުމެގެންދިޔައީ އޭނާގެ ރަޙްމަތްތެރިޔާ ސީނާގެ ގެޔަށެވެ. މިހާރު އޭނާ ބޭނުންވަނީ މޮޅު ފަންޑިތަވެރިއެއްގެ ގާތަށް ގޮސް ރަނގަޅު ތަވީދެއް ލިޔުއްވާށެވެ.

[އަހަންނަށް ދެން ކެތެއް ނުވާނެ. އަދިވެސް ނާއިލް ހުންނަނީ އެއަންހެނަކާހުރެ މޮޔަވެފައި....މިހާރު ހިނގާ އެއްކަލަ ބޫގަލް ހަދާ ފިކުރީގެ ގާތަށް ދާން. މިހާރު ހިނގާ...] ޢައިޝާ ސީނާގެ އަތުގައި ހިފައިގެން މަގަށް ނުކުމެއްޖެއެވެ.

އެރޭ އެމީހުން ދިޔައީ ޓެކްސީއެއްގައި ފިކުރީގެ ގެޔަށެވެ. ފިކުރީއަކީ މާލޭގައި އެއްކޮޓަރީގެ އެޕާޓްމަންޓެއް ހިފައިގެން އެކަނިމާއެކަނި އުޅޭ މެދު ޢުމުރުގެ މީހެކެވެ. އޭނާއަކީ ވަރަށް މޮޅަށް ފަންޑިތަ ހަދާ މީހެއް ކަމަށް ވަރަށްގިނަ ބަޔަކު ބުނޭވެސްމެއެވެ.

ނަޞީބު ދިމާކުރި ގޮތުން އެމީހުން އެގެއަށްދިޔައިރު، އެގޭގައި ހުރީ ފިކުރީ އެކަންޏެވެ. ފިކުރީ އެދުނީ ޢައިޝާ އެކަނި ކޮޓަރިއަށް ވަނުމަށެވެ. ސީނާ ސިޓިންގރޫމްގައި މަޑުކޮށްލީއެވެ.

[ތިޔަކަހަލަ ކަންތައްތަކަކީ ވަރަށްބޮޑު މަސައްކަތެއް. އަހަރެން މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ކުރާނަން...އެއީ ކަށަވަރު ކަމެއް. އެކަމަކު ފަހަރެއްގައި ޢައިޝާއަށް މިމަސައްކަތް ފުރިހަމަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ.] ފިކުރީ ވާހަކަ ދެއްކީ އޭނާގެ އަތުގައި އޮތް ފޮތެއް ހުޅުވައިގެން ހުރެމެއެވެ.

[ކޮންމެފަދަ ކަމެއްވެސް ކުރަން އަހަރެން މިހުރީ ތައްޔާރަށް...އަހަރެން ބޭނުން ލޯބި ޙާޞިލް ކުރަން.] ޢައިޝާ ބުންޏެވެ.

[ޖެހިޖެހިގެން ހަފްތާއެއް ވަންދެން މިމަސައްކަތް ކުރަންވާނެ. ލަދުގަންނަންޖެހޭ ޙާލަތުގައިވެސް ކެތްކުރަންވާނެ. ޢައިޝާގެ ބައެއް ގުނަންތަކުގައި ލިޔަންވެސް ޖެހޭނެ. ޖުމްލަކޮށް މިއޮތީ މިފަންޑިތަ ހަދާގޮތް. މި ގަނޑު ކިޔާލާ. މިކަންކަން ފުރިހަމަ ވެއްޖެއްޔާ، ސައްތައިން ސައްތަ ޔަޤީން، ފިރިމީހާއަށް އެހެން ފަރާތަކަށް ހިރިލާކަށްވެސް ލާހިކެއް ނޫން.] ފިކުރީ އޭ ފޯ ސައިޒްގެ ލިޔެފައިވާ ކަރުދާހެއް ޢައިޝާގެ އަތަށް ދީފިއެވެ. ޢައިޝާ އެ ކަރުދާސްގަނޑު ކިޔާލިއެވެ.

[ރަޙްމަތްތެރިޔާއަށްވެސް މިމަސައްކަތް ހިނގާ ގޮތް ސިއްރު ކުރަންވާނެ...އެހެން ނޫނީ ދިމައެއް ނުވާނެ. އަނެއްކާ ޢައިޝާއަށް މިކަންކަން ފުރިހަމަ ކުރެވޭނެތަ؟] ފިކުރީ ޢައިޝާގެ މޫނަށް ބަލަންހުރެފައި އެއްސެވެ.

ޢައިޝާ ހިސާބަކަށް ހުއްޓުން އަރާފައި ހުރެ ބޯޖަހާލިއެވެ. އެއީ ލަދުގަންނަންޖެހޭ މަސައްކަތެކެވެ. މިހާތަނަށް އޭނާގެ ލަދުވެތި އެއްވެސް ގުނަނެއް ނާއިލް ފިޔަވައި ހިލޭ މީހަކަށް ފެނިފައެއް ނުވާނެއެވެ. މިއަދު އޭނާ ކުރިމަތިލާން ޖެހިފައި މިވަނީ ނުހަނު ބޮޑު އިމްތިޙާނަކާއެވެ. ކިތަންމެ ލަދުވެތި ކަމެއް ކަމުގައި ވިޔަސް، އެކަމާ ކުރިމަތިލައިގެންވެސް ނާއިލްގެ ލޯބި ޙާޞިލް ކުރަން އޭނާ ބޭނުމެވެ. ވުމާއެކު، އެއްވެސް އިޚްތިޔާރަކާނުލާ އޭނާއަށް އެކަރުދާހުގައި ހުރި ކަންކަމަށް އެއްބަސްވެވިއްޖެއެވެ.

[މިހުރިހާ ކަމަކަށްވެސް އަހަރެން މިހުރީ ތައްޔާރަށް. އަޅެ ހަމަ ކާމިޔާބުވާނެތަ.] ޢައިޝާ އެކަރުދާސްގަނޑު ފިކުރީގެ އަތަށް ދެމުން އެހިއެވެ.

[އާނ، ސައްތައިން ސައްތަ މުޖައްރިބު ފަންޑިތައެއް މިއީ. އަހަރެން ލިޔެ ނިމެންދެން ކެތްތެރިވާން ވާނެ. އެހެން ނޫނީ ދެމީހުންކުރެ މީހަކު މޮޔަވެސް ވެދާނެ.] ފިކުރީ ބުންޏެވެ. އެވަގުތު އެފަންޑިތަ ފުރިހަމަ ކުރުމަށް ޢައިޝާ ޢަޒުމް ކަނޑައަޅައިފިއެވެ.

[އަހަރެން ކެތްކުރާނަން. އަހަރެން ބޭނުން، ނާއިލްގެ ލޯބި އަހަންނަށް ދާއިމްވާނޭފަދަ ހުރިހާ ކަމެއްވެސް ކުރަން. ކޮންމެފަދަ ހަރުފަތެއް ގިރާކޮށްފައިވެސް، އަހަރެން ބޭނުންވަނީ ނާއިލްގެ ލޯބި ދާއިމް ކުރަން...] ފިކުރީގެ މޫނަށް ޢައިޝާ ބަލައިލިއެވެ. އޭރު ފިކުރީ ހުރީ ނިކަން މަޢުނަވީ ގޮތެއްގައި ޝަހުވަތުގެ ކަޅިއަކުން ޢައިޝާއަށް ބަލަހައްޓައިގެނެވެ.

ޢައިޝާ ލަދުވެސްގެންފިއެވެ. އެހެން ނަމަވެސް، ޢައިޝާ އެލަދުވެތިކަމެއް ފާޅެއްނުކުރެއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް އެމަސައްކަތް ފުރިހަމަ ކުރަން އޭނާ ބޭނުންވެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


29

ހަސަން

30-May-2020

ވަރަށް ފައްކާ ކުރިޔަށް ދާގޮތް ރީތި


7

ސާމިޔާ

30-May-2020

ވާހަކަ ހަމަ ހަބޭސް


-7

ޙަނާ

30-May-2020

ހަމަ ހަގީގަތުގަ ވެސް ފަންޑިތަހަދާމީހުންގެ ފާޑު ތިފެންނަނަނީ



ޓްރެންޑިން