އަންހެނުންގެ ހައްގުތަށް ހޯދައިދީ މިނިވަންކުރުމުގެ ނަމުގައި އިސްލާމްދީނާއި އަބުރާ ކަރާމަތް ގެއްލުވާލުމަށް ހިންގޭ ކަންކަމުން ދުރުހެލިވާން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެެވެ.

ޑރ. ޝަހީމް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުއާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ. ޑރ. ޝަހީމް ވިދާޅުވީ ‏އަންހެނުންގެ ޙައްޤުތައް ހޯދައިދީ މިނިވަންކުރުމުގެ ނަމުގައި، އެކަނބަލުންގެ ދީނާއި އަބުރާ ކަރާމަތް ގެއްލޭ ގޮތައް ހިންގޭ ކަންކަމުން މުސްލިމު އަންހެނުން ދުރުވާންޖެހޭނެ ކަމަށެވެ. އަދި ކާމިޔާބާއި ފަލާޙު ލިބިގަތުމަށް އިސްލާމްދީނުގެ އުޞޫލުތަކުގައި ދެމި ތިބުމަށް އަންހެން ބޭފުޅުން ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށް ޑރ. ޝަހޫން ވިދާޅުވިއެެވެ.

އިސްލާމީ ތާރިޚުން މިސާލު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ‏ބައިޢަތުލްޢަޤަބާއާއި ޙަބަޝާއާއި މަދީނާގެ ހިޖުރައާއި އިސްލާމީ ދައުލަތް ޤާއިމުކޮށް ޢަޤީދާ ދިފާޢުކުރުމާއި އިސްލާމީދައުވަތާއި ޢިލްމާއި ފިކުރާއި ޘަޤާފަތް ފަތުރައި އިސްލާމީ އުންމަތް ނެގެހެއްޓުމުގައި އިސްލާމީ އަޚުލާޤުގެ އިމުގެ ތެރޭގައި ތިބެ އަންހެނުން ބައިވެރިވެފައިވާ ކަމަށެވެ.



"‏ބޭސްވެރިކަމާއި އަތްތެރި މަސައްކަތްތަކާއި ދަނޑުވެރިކަމާއި ވިޔަފާރިއާއި މި ނޫންވެސް ތަފާތު ދާއިރާތަކުގައި ރަސޫލާގެ ޙަޔާތްޕުޅުން ފެށިގެން އިސްލާމީ އުންމަތުގައި އަންހެނުންބައިވެރިވެފައިވޭ." އިސްލާމީ މުޖުތަމައުގައި އަންހެނުންގެ ދައުރު ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވިއެެވެ.

އަންހެނުން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގައި ވެސް މާރޗު މަހުގެ އަށް ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫއެންވިމެން އިން މިއަހަރުގެ ޝިއާރު ކަމުގައި ހަމަޖައްސާފައިވަނީ "ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު،" މި ޝިއާރެވެ.

އަންހެނުންގެ ދުވަހަކީ އިޤުތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު