ސަރުކާރާއެކު ހުންނެވީ ގަދަކޮށް ކަމަށާއި މަސައްކަތްކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށްދޭން ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބާއްވާނެ ތާރިޚު ކަނޑައެޅުމަށް މިރޭ ގައުމީ މަޖިލީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނެވީ ގައުމަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އެ މަަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު ނުދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެކަން އެހެން ވެގެން ދިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މިއަދު އެބަޖެހޭ މި ޕާޓީއާއެކު ކުރިއަށްދާން. މި ޕާޓީއެެއް ނުހިނގާ އިނގޭތޯ. ނުހިނގާ އިނގޭތޯ. ޕާޓީ ހިންގުމަށްޓަކައި އަޅުގަނޑު މިވަގުތުވެސް މި އެދެނީ މި ޕާޓީ ހިންގާލަން އަޅުގަނޑަށް ވޯޓް ދެއްވާށޭ." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.



މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އޭނާއާ ޓީމު އޮތީ ސަރުކާރާއެކު ގަދަކޮށް ކަމަށާއި، އެޓީމު ނިކުތީ ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދޭން ކަމަށެެވެ. އަދި އޭނާއަށް ނިސްބަތްކޮށް، ނުފޫޒު ފޯރުވާ ކަމަށާ އެއީ ވަގެކޭ ބުނެ "ބްރޯ" އެއް ކަމަށް ލޭބަލް ކުރެވިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް "އަސްލު ބްރޯ" އަކީ ކާކުކަން ރައްޔިތުންނަށް މިއަދު އެނގޭ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.

"ބްރޯއަކީ ކާކުކަން އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެނެއް ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއަކަށް އެއްޗެއް ކިޔާކަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމުން މި އައީ އެއްޗެއް ނުބުނެ މިކަން ކުރެވޭތޯ." ވަރަށް ޖޯޝާއި ފޯރީގައި ވާހަަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

ވަކިބޭފުޅެއްގެ ނަންވިދާޅުނުވެ ރައީސް ނަޝީދަށް އިޝާރަތް ކުރައްވައި ފައްޔާޒު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވަނީ ކާކުކަން ސާފު ކަމަށެވެ. އެމްޑީޕީގެ މެންބަރުންނަށް ވަކިން ގުޅައިގެން ފައްޔާޒު ހޮވައިފިނަމަ އެއީ ވަކި ބޭފުޅެއްގެ ދުވަސް ދުއްވާލުން ކަމަށް ސިފަކޮށް ބޭފުޅަކު ވާހަކަ ދައްކަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެއީ ނުފޫޒު ފޯރުވުން ނޫން ދެން ކޮން ކަމެއްތޯ ފައްޔާޒު ވަނީ ސުވާލު ކުރައްވާފައެވެ. އެމްޑީޕީއަށްޓަކައި ގުރުބާންވީ މެންބަރު އީވާ އަބްދުﷲއާއި މެންބަރު ހަސަން ލަތީފާއި މެންބަރު މުހައްމަދު ވަހީދު އެކަނި ނޫން ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީވެސް ޕާޓީއަށްޓަކައި ގުރުބާންވީ މީހުން. އީވާ އާއި އިންތިއާ ހަސަން ލަތީފާއި ވައްޑޭއާ ގިޓާއަކާ ނޫން މި ޕާޓީގައި މަސައްކަތް ކުރީއެއް. އަޅުގަނޑުމެން އެންމެން މިތިބީ މި ޕާޓީއަށް މަސައްކަތް ކޮށްދީގެން." ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބާއްވާނެ ތާރީހަކާ މެދު ގޮތެއް ނިންމަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާ ހޫނުވެ، ބަހުގެ ހަމަލާތަށް ވަނީ ބަދަލުކޮށްފައެވެ.

ފޯރިގަދަ ބަހުސަކަށްފަހު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު މެއި 14 އަށް ފަސްކުރުމަށް ގައުމީ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތަކުން ރޭ ވަނީ ފާސްކޮށްފައެވެ. އިންތިޚާބު ފަސްކުރުމަށް ޤައުމީ މަޖިލީހުގެ 100 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މިޖަލްސާއަށް ޙާޟިރުވީ 115 މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު